ހުޅުމާލެ އިން ދޫކުރާ ގޯތިތައް ލިބޭ ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުން މި ހަފުތާގައި ފެށޭ ވަރު ވާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު އޮތް ނޫސްކޮންފަރެންސެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވީ އެކަން ލަސްވެގެން ދިޔައީ އެއީ ވަރަށް ގިނަ ގާނޫނީ މަސައްކަތްތައް ނިންމަން ޖެހޭތީ ކަމަށާއި މިހާރު އެ މަސައްކަތްތައް ނިމިފައި ވާތީ މިހަފުތާގެ ތެރޭގައި ސޮއިކުރަން ފެށޭނެ ކަމަށެވެ. އަދި ވިދާޅުވީ ސޮއިކޮށް ނިމުމުން ގޯތިތައް ލިބޭ ފަރާތްތަކާ ގޯތިތައް ހަވާލުކުރާނެ ކަމަށެވެ.

ވެށިފަހިމާލެ ޕްރޮގްރާމްގެ ބީ ކެޓަގަރީގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް މި އަހަރު ނިމުމުގެ ކުރިން އިއުލާން ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަން ލަސްވެފައި ވަނީ ހުށައަޅާފައިވާ 600 އަށް ވުރެ ގިނަ ޝަކުވާތައް މިނިސްޓްރީން ބަލަމުން ގެންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ މި އަހަރު ނިމެންވާ އިރަށް އިއުލާން ކުރެވޭތޯ. އެންމެ ލަސްވެގެން ވެސް ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގައި އިއުލާން ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ،" މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުށައަޅާފައިވާ ހުރިހާ ޝަކުވާއެއް ވެސް މިހާރު ބަލާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އިތުރަށް ބަލައި ޔަގީން ކުރުމުގެ މަސައްކަތް ކުރުމުގެ މަސައްކަތްތައް ކަމަށެވެ.

"ވަރަށް ގިނަ ސިޓީތަކަށް ސީދާ ލިއުމުން ޖަވާބު ނުދިނަސް މިހާރު ހުންނާނީ އެޑްރެސް ކުރެވިފައި، އެހެން ނަމަވެސް އަދި ޑަބަލް ޗެކްވެސް ކުރަން ޖެހޭ، ހޮވޭ ފަރާތްތަކުގެ ފޯމްތައް އަލުން ބަލަން ވެސް ޖެހޭ،" މުއްތަލިބު ވިދާޅުވި އެވެ.

ސޯޝަލް ހައުސިންގެ އާ ޕްރޮޖެކްޓެއް އަންނަ ފެބްރުއަރީ މަހު ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ހައުސިން މިނިސްޓްރީ އިން ކުރިން ވެސް ހާމަކޮށްފައިވާ ކަމެކެވެ.