ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރަކަށް ހެންވޭރު ކާނޭޝަންވިލާ، މުހައްމަދު ރަޝީދު އައްޔަން ކުރައްވައި، އޭނާއަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މުހައްމަދު ރަޝީދަށް ސަފީރު ކަމުގެ ފަތްކޮޅު އެރުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އާއި ޗައިނާއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، މިހާރަށްވުރެ ބޮޑަށް ބަދަހިކުރައްވައި އެކިކަންކަމުގައި ޗައިނާއިން ރާއްޖެއަށް ލިބޭ އެހީތެރިކަން އިތުރުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނެވި އެވެ. އަދި ގައުމުގެ މަސްލަޙަތު ރައްކާތެރި ކުރައްވައި، ރައްޔިތުންނަށް އިހުލާސްތެރިވެވަޑައިގަތުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވި މުހައްމަދު ރަޝީދަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އިކޮނިމިކް މިނިސްޓަރުގެ މަގާމް ފުރުއްވާފައިވާ ބޭފުޅެކެވެ.

މުހައްމަދު ރަޝީދު، ޗައިނާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމުގެ މަގާމަށް ރައީސް މި އައްޔަން ކުރެއްވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިންނެވެ.