ޒުވާނުންގެ މަރުކަޒުގައި ރޭ ކުޅުނު އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފޯރިގަދަ މެޗުގައި 92 ޕޮއިންޓް 90 ޕޮއިންޓުން އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރެޑްލައިން ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި މުބާރާތުގެ ތަށި ޓީ-ރެކްސް ބާސްކެޓް ބޯޅަ ކުލަބުން އުފުލާލައިފި އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ރޭ ކުޅުނު މުބާރާތުގެ ޗެމްޕިއަން ޓީމު ވާދަވެރި މެޗުގައި ޓީ-ރެކްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެ ޓީމުގެ އެކަސޯމީ ކުރިސްޓޮފާ އެވެ. އޭނާ ވަނީ 25 ޕޮއިންޓު ހޯދައިފަ އެވެ. ރެޑްލައިން ކުލަބަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އަލީ ފަޒްލީ އެވެ. އޭނާ ވަނީ މެޗުގައި އެކުލަބަށް 23 ޕޮއިންޓް ހޯދައިދީފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީ-ރެކްސް އަށް 18 ޕޮއިންޓް ހޯދައިދީ ފާހަގަކުރެވޭފަދަ ކުޅުމެއް ދެއްކި މުހައްމަދު މުހުސިން އެވެ.

ރޭގެ މެޗަށް ފަހު ލީގުގެ އެކިއެކި ވަނަތަކަށް އައި ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދިނުން އޮތެވެ. އިނާމުތައް ބައްސަވައި ދެއްވީ މުބާރާތުގެ ޝަރަފުވެރި މެހެމާނު، މިނިސްޓަރު އޮފް ހިޔުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ.

އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ޕްލޭމޭކަރަކަށް ހޮވުނީ ހަރިކޭން ބީސީގެ އަހްމަދު އިފްސާހު އެވެ. އެންމެ މޮޅު އޮފެންސިވް ޕްލޭޔަރަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބުގެ މަމްސިލޯ ލެޓިނޯވިޗް އެވެ. އެންމެ މޮޅު ޑިފެންސިވް ޕްލޭޔަރަކަށް ހޮވުނީ ރެޑްލައިން ކްލަބުގެ އަޑެބަޔޯ އަލަބާ އެވެ. ލީގުގެ ހައި ސްކޮރު އަކަށް ރެޑްލައިން ކުލަބުގެ މުހައްމަދު ޒިލާލު ހޮވުނު އިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީ-ރެކްސް ބީސީގެ އެކަސޮމީ ކްރިސްޓޮފާ އެވެ. މީގެ އިތުރުން އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ބެސްޓު ކޯޗުގެ މަގާމު ހާސިލުކުރީ ޓީ-ރެކްސް ބީސީގެ ކޯޗު އިބްރާހީމް ނާހިދު އެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސީސިއޭޝަނުން ކުރިއަށް ގެންދާ 32 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން އެއްވަނަ ޑިވިޒަންގެ ކުޅުން މާދަމާ ރޭ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން ގައުމީ މުބާރާތުގައި ވާދަކުރާނީ އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ގަދަ ހަތަރު ޓީމުކަމަށްވާ ލީގު ޗެމްޕިއަން ޓީ-ރެކްސް ބާސްކެޓްބޯލް ކުލަބާއި ދެވަނަ ހޯދި ރެޑްލައިން ކުލަބާއި ތިން ވަނަ ހޯދި ހަރިކޭން ބާސްކެޓްބޯލް ކުލަބުގެ އިތުރުން ލީގުގެ ހަތަރު ވަނަ އަށް ދިޔަ ދިވެހި ސިފައިންގެ ކުލަބެވެ.

32 ގައުމީ ބާސްކެޓްބޯޅަ މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ ތިން ސެމީ ފައިނަލުގެ ތެރެއިން ފުރަތަމަ ސެމީގައި ވާދަކުރާނީ ލީގުގެ އެއް ވަނަ ހޯދި ޓީ-ރެކްސްއާ ދެ ވަނަ ހޯދި ރެޑްލައިން ކުލަބެވެ. މިމެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނެ އެވެ.

ދެ ވަނަ ސެމީގައި ވާދަކުރާނީ ތިން ވަނަ ހޯދި ހަރިކޭން އާއި ހަތަރު ވަނަ ހޯދި ދިވެހި ސިފައިންގެ ކުލަބެވެ. މި މެޗުން މޮޅުވާ ޓީމު ވާދަކުރާނީ ފުރަތަމަ ސެމީ އިން ބަލިވާ ޓީމަކާ އެވެ. އަދި ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ފުރަތަމަ ސެމީ އިން ބަލިވާ ޓީމާއި ދެ ވަނަ ސެމީ އިން މޮޅުވާޓީމާ ދެމެދު ކުޅެވޭ ތިން ވަނަ ސެމީ އިން މޮޅުވާ ޓީމަކަށެވެ.