އައްޑޫ ސިޓީގައި ދެމުންދާ ބަސް ދަތުރުގެ ހިދުމަތް ހުއްޓިފައި އޮންނަތާ ދެ ހަފްތާ ވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލް މެންބަރު ހުސެއިން ފަހުމީ ސަން އޮންލައިނަށް ދެއްވި އިންޓަވިއުގައި މިއަދު ވިދާޅުވީ އެ ސީޓީގައި އެމްވީކޭ އިން ދެމުން އަންނަ ބަހުގެ ހިދުމަތް ހުއްޓާލާފައިވާ ކަމަށާއި އޭގެ ސަބަބުން އެ ސިޓީގެ ރައްޔިތުނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ބަސް ދަތުރުގެ ހިދުމަތް ދެމުންދާ ގޮތް މޮނިޓާ ކުރުމަށް އައްޑޫ ސިޓީ ކައުންސިލާ ހަވާލު ކޮށްފައިވާ އިރު އެ ކައުންސިލުން ބުނީ ބަހުގެ ހިދުމަތް ހުއްޓިފައި ވަނީ މާލީ ދަތިތަކާ ގުޅިގެން ކަމަށް އެމްވީކޭ އިން ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެ ހިދުމަތައް މޮނީޓާ ކުރަން ޖެހޭ ފަރާތްތަކަށް ވާތީ އަޅުގަނޑު އެކަން ބަލަމުން މިދަނީ. އެމްވީކޭ އިން ބުނަނީ މާލީ ދަތިތަކާ ގުޅިގެން ކަމަށް ހިދުމަތްދިނުން ހުއްޓިފައި ވަނީ،" ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ބަސް ދަތުރުގެ ހިދުމަތް ހުއްޓުނު ދެ ވަނަ ފަހަރު ކަމަށެވެ.

ބަސް ދަތުރުގެ ހިދުމަތް ދެމުން ނުދާތީ އެކަމާ ގުޅިގެން ރިޕޯޓެއް ސަރުކާރަށް ހުށަހެޅުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ފަހުމީ ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މިހާރު މިވަނީ މި ކަމާ ގުޅޭ ގޮތުން ތައްޔާރުކުރާ ރިޕޯޓަކާ އެކު ސަރުކާރަށް މި މައްސަލަ ސިޓީ ކައުންސިލުގެ ފަރާތުން ހުށަހަޅަން ތައްޔާރުކޮށްފައި. މިހާރު އެ ލިޔުންތައް ވަނީ ނިމުމަކާ ކައިރިވެފައި،" ފަހުމީ ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ރަށްތަކުގައި ދަތުރުކުރާ ބަހުގެ ހިދުމަތް ހުއްޓިފައިވާ އިރު އެމްވީކޭ އިން ދެމުން އަންނަ ފެރީގެ ހިދުމަތް ވެސް ހުއްޓިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.