23 Dec 2012, 10:36
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ބަހަކަށް އަންހެނަކު އަރުވައިގެން ރޭޕްކުރި މައްސަލައިގައި އެ ގައުމުގައި ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެ، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތައް ހިނގައިފި އެވެ.
ބަހުގައި ރޭޕްކުރެވުނު ޒުވާނާ އަށް އަވަހަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ނިއުދިއްލީގެ ރައިޒިއާނާ ހިލްއާއި ޗޮވްކް ސަރަހައްދުގައި ކުރަމުން ދިޔަ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ އިރު ދިއްލީގެ ހަތް މެޓްރޯ ސްޓޭޝަނެއް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. އަދި މުޒާހަރާގައި ބައިވެވުމަށް އިތުރު މީހުން އަޔަ ނުދިނުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއާގެ ހިންދުސްތާން ޓައިމްސް އިން މިއަދު ބުންޏެވެ.
އެ ނޫހުން ބުނީ ރައިޒިއާނާ ހިލްއާއި ކޮންގްރެސް ޕާޓީގެ ލީޑަރު ސޯނިއާ ގާންދީގެ ގެކޮޅުގެ ބޭރުގައި އިއްޔެ އިން ފެށިގެން ތިބި މުޒާހަރާގެ ބައިވެރިން، އެތަންތަނުން ފޮނުވާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ.
އެ ނޫހުން ބުނި ގޮތުގައި ރައިޒިއާނާ ހިލްއާއި ސޯނިއާ ގާންދީގެ ގެކޮޅުގެ ކައިރިއަށް މިއަދު ހެނދުނު 6.30 ބައި ހާކަންހާއިރު ފުލުހުން އައީ ބަސްތަކެއްގައި ކަމަށެވެ. އަދި އިންޒާރު ދިނުމަށް ފަހު މުޒާހަރާގެ ބައިވެރިން ބަސްތަކަށް އަރުވައިގެން އެސަރަހައްދުން ގެންގޮސްފައިވާ ކަމަށެވެ. އަދި ބުނީ ބަސްތަކަށް އެރުވުމުން ވެސް މުޒާހަރާގެ ބައިވެރިން ދިޔައީ ރޭޕް ކުރި މީހުންނަށް އަވަހަށް އަދަބު ދީ، އަންހެން ކުއްޖާ އަށް އިންސާފު ލިބިދިނުމަށް ގޮވާލައި ޝިއާރުތައް އަޑުގަދަކޮށް ގޮވަމުން ކަމަށެވެ.
ސޯނިއާ ގާންދީގެ ގެކޮޅުގެ ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ މީހުންނާ އޭނާ ވަނީ ރޭގެ ފަހުގެ ވަގުތެއްގައި ބައްދަލުކުރައްވައިފަ އެވެ. "އަހަރެން ވެސް މިހިރީ ކަލޭމެންނާ އެކީގައި" ކަމަށް ސޯނިއާ ވިދާޅުވި ކަމަށް މުޒާހަރާގެ ބައިވެރިއަކާ ހަވާލާދީ ހިންދުސްތާނު ޓައިމްސް އިން ބުންޏެވެ.
ކޮލެޖެއްގައި މެޑިކަލް ދާއިރާ އިން ކިޔަވަމުން އައި އުމުރުން 23 އަހަރުގެ ދަރިވަރަކު ދިއްލީގެ ޕްރައިވެޓް ބަހެއްގެ ތެރޭގައި ރޭޕް ކުރި މައްސަލައިގާ އިންޑިއާގައި ބޮޑެތި މުޒާހަރާތައް ބާއްވަމުންދާތާ ހަފުތާއެއްހާ ދުވަސް ވެފައިވާ އިރު އިންޑިއާ ސަރުކާރުން ވަނީ ރޭޕް ކުރި މައްސަލަ އަވަހަށް ތަހުގީގުކޮށް، ކުށްވެރިވާ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށް ބުނެފަ އެވެ.
ދަރިވަރު ރޭޕް ކުރީ ދިއްލީގެ ޕްރައިވެޓް ބަހެއްގެ ތެރޭގައި އެބަސް ދުއްވަމުން ދަނިކޮށެވެ. ބަސް ޑްރައިވަރާ އެކު ޖުމްލަ ހަތަރު ފިރިހެނުން ވެގެން ހިންގި އެ ޖަރީމާއަށް ފަހު އަންހެން ކުއްޖާ އަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އެ ހަތަރު މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.