ކުނިކޮށީގައި ބޭނުންކުރަމުން ގެންދާ އެކްސްކަވޭޓަރެއް ހަލާކުވުމާ ގުޅިގެން އިއްޔެ ބަންދުކޮށްފައިވާ މާލޭގެ ދެ ކުނިކޮށީގެ ތެރެއިން ދެ ނަމްބަރު ކުނިކޮށި މިއަދު ހުޅުވައިފި އެވެ.

ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އަބްދުލްކަރީމް (ރުކުމާ) މިއަދު ވިދާޅުވީ ދެ ނަމްބަރު ކުނިކޮށީގައި ބޭނުންކުރަމުންދިޔަ އެކްސްކަވޭޓަރު މިހާރު މަރާމާތު ކުރުމަށްފަހު މިއަދު ހެނދުނު ހިދުމަތް ދޭންފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަދު މެންދުރުގެ ވަގުތެއްގައި އެއް ނަމްބަރު ކުނިކޮށިގެ ހިދުމަތްވެސް ދޭން ފެށޭނެ ކަމަށާއި އެ ކުނިކޮށީގައި ބޭނުންކުރަމުންދާ އެކްސްކަވޭޓަރު މަރާމާތުކުރުމުގެ މަސައްކަތް މިހާރުކުރަމުން އަންނަ ކަމަށެވެ.

"އެއް ނަމްބަރު ކުނިކޮށީގައި މިވާގޮތަކީ މީސްމީހުން ލޮރީތަކުގައި އައިސް ދޮރުމައްޗަށް އަޅަނީ ދެން ތިލަފުށިން ގެނައި އެކްސްކަވޭޓަރުގެ ސުޓާޓިން މޯޓަރު ހަދަނީ، ދެން އެތެރޭގައި އޮތް އެކްސްކަވޭޓަރު އޮތީ ޓާބޯ ހަލާކުވެފައި އޭތިވެސް މަރާމާތުކުރަނީ. އެތަންވެސް އިރާދަކުރެއްވިއްޔާ މެންދުރެއްހާތާ ފެށޭނެ،" ރުކުމާ ވިދާޅުވި އެވެ.

ކުނިކޮށީގައި ބޭނުންކުރާ ސާމާނުހަލާކުވެގެން ދޭތެރެދޭތެރެއިން ކުނީގެ މައްސަލަ ބޮޑުވެފައިވާއިރު ރުކުމާ ވިދާޅުވީ އެމައްސަލަތަށް ހައްލުކުރުމަށް އެންވާރުމެންޓް މިނިސްޓްރީއާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ނިންމާފައިވާކަމަށާއި އެގޮތުން މިފަހްތާގެ ތެރޭގައި އެ އެމްއޯޔޫގައި ސޮއިކުރެވޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

މާލޭގައި ކުނިކޮށިތަކަށް އަޅާ ކުނިތައް ކުނިތައް ނައްތާލުމުގައި ބޭނުންކުރާ އުޅަނދުތައް ހަލާކުވެގެން ކުނިނައްތާލުމުގައި ބޮޑަތި ދަތިތަކަކާ ކުރިމަތިވަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.