10:00


ސިފައިންގެ ގާނޫނަށް އިތުރު އިސްލާހު ގެނެސް، އަސްކަރީ ވެރި ކަމަކަށް މަގުފައިވާ ގޮތަށް އެ ގާނޫނު ބައްޓަން ކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާނަމަ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާތައް ހުއްޓުވުމަށް މުޒާހަރާ އަކަށް ނުކުންނާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި އެވެ.


އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން ވިދާޅުވީ ސިފައިންގެ ގާނޫނަށް އިސްލާހު ގެނެސް، ރިޔާސީ ނިޒާމެއްގައި ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރު ނިގުޅައިގަނެ، އަސްކަރީ ވެރިކަމަކަށް ގައުމުގެ މިސްރާބު ބަދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނަމަ، އެކަން ހުއްޓުވުމަށްޓަކައި އެ ޕާޓީން މަޖިލީސް ކުރާ ސަރަހައްދަށް އެއްވެ، މުޒާހަރާ ކުރާނެ ކަމަށެވެ. އަދި މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ސިފައިން ރުހުން ހުރިގޮތެއް ބެލުމަށްޓަކައި ބައްދަލުކުރުމުން ވެސް އެ ބޭފުޅުންގެ ހިޔާލު ހުރީ އެ ގާނޫނަށް އިސްލާހު ނުގެނައުމަށް ކަމަށް އެ ފާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ވިދާޅުވި އެވެ.


ބުދަ ދުވަހު އޮތް ރައްޔިތުގެ މަޖިލީހުގެ ޖަލްސާ މެދު ކަޑާލަން ޖެހުނީ ސިފައިންގެ ގާނޫނަށް ގެނައި ދެ އިސްލާހު ކަމުގައިވާ، ސިފައިންގެ އިސްވެރިޔާ އައްޔަންކޮށް ވަކި ކުރަންވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮވެގެން ކަމަށާއި ނަމަވެސް ފަހުން ހުށަހެޅި އިސްލާހަކުންވެސް އެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ދިނުމަށް ފާސް ކުރުމުން ނެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެ ދުވަހުގެ ޖަލްސާ ނިންމަވާލައްވީ އެ ކަމުގައި މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން ތަކެއް އުފެދި، ނިޒާމީ ނުކުތާގެ އޮއިވަރެއްގައި މަޖިލީސް ދިގުދެމިގެން ދިއުމުން ނެވެ.