23 Dec 2012, 10:11
ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު މަރާލުމުގެ ކުށް ޝަރީއަތަށް ސާބިތުވުމުން މ. މަސްރޫރާ އަހުމަދު މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކޮށްފި އެވެ.
ހައިކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މުއްރަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި ވަނީ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ހަމަވިފަހުން ކަމަށެވެ. އަދި ވިދާޅުވީ ހައިކޯޓުގެ ގަވާއިދުގައިވާ ގޮތުގެމަތިން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ވަކިގޮތެއް ނިންމާފައި ނުވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އިސްތިއުނާފަށް ހުށަހެޅުމަށް އޮންނަ މުއްދަތު ހަމަވިފަހުން މުއްރަތު އެ މައްސަލަ ހުށަހަޅާފައި ވަނީ. ހައިކޯޓުގެ ގަވާއިދުގައިވާގޮތުން އިސްތިއުނާފު ކުރަން އޮންނަ މުއްދަތު ހަމަވީމަ ދެން ހުށަހަޅަން ޖެހޭނީ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި. އެގޮތަށް މުއްރަތު އެ މައްސަލަ ހުށަހަޅާފައި ވަނީ. ނަމަވެސް އަދި ހައިކޯޓުން މިހާތަނަށް އެ މައްސަލަ ބަލައިގަތުމާ މެދު ވަކިގޮތެއް ނުނިންމާ،" ހައިކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އަހުމަދު ނަޖީބު މަރާލުމުގެ ކުށް މުއްރަތުގެ މައްޗަށް ސާބިތުވީ އޭނާގެ އަމިއްލަ އިއުތިރާފުންނެވެ. އެ މައްސަލައިގައި މެރުމަށް ހުކުމް ކޮށްފައިވާ މުއްރަތުގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު ފަތުމަތު ހަނާވެސް ވަނީ އެ ހުކުމް އިސްތިއުނާފަށް ހުށަހަޅާފަ އެވެ. އޭނާ އެ މައްސަލަ ހުށަހެޅީ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ހަމަވާން ކައިރިވެފައި އޮއްވަ އެވެ.
ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ މައްޗަށް ކުރި ހުކުމްގައި ބުނެފައި ވަނީ މަސްރޫރާ ގޭގައި ހަނާ އާއި މުއްރަތު ދިރިއުޅޭ ކޮޓަރިއަށް ޖޫން 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނަޖީބު ވެއްދުމަށް ފަހު އެ ކޮޓަރީގެ ގޮނޑިއެއްގައި ނަޖީބު ބޭންދުމަށް ފަހު ނަޖީބުގެ ދެ މޯބައިލް ފޯނު އަތުލައި އޭނާގެ ވޮލެޓުގައި ހުރި ފައިސާއާއި ކޭޝްކާޑް ނަގައި އޭގެ ޕިން ނަންބަރު ނަޖީބުގެ އަތުން އެ ދެ މީހުން ހޯދާފައިވާކަމަށެވެ.
އަދި އޭގެ ފަހުން ނަޖީބުގެ އަނގަޔަށް ފޮތިގަނޑެއް ލައި އޭނާއަށް އެއްވެސް ތަނެއް ނުފެންނާނެ ހެން މުޅި މޫނުމަތީގައި ޓޭޕްއަޅައި ކޮޓަރީގައި ނަޖީބު ބޭންދުމަށްފަހު އޭނާގެ ކޭޝްކާޑް ބޭނުންކޮށްގެން ފައިސާ ނެގުމަށް ފަހު އެފައިސާއަށް މުއްރަތު މަސްތުވާތަކެތި ގަނެފައިވާކަމަށް ވެސް ހުކުމްގައި ވެއެވެ.
މަސްތުވާތަކެތި ގަނެގެން އެނބުރި އެގެއަށް ގޮސް ބަނގުރަލާއި ހިކި މަސްތުވާތަކެތި ބޭނުންކުރުމަށް ފަހު އެ ކޮޓަރިތެރޭގައި އިން ގޮނޑިއެއްގައި ނަޖީބު ބޭންދުމަށް ފަހު އޭނާގެ މޫނުމަތީގައި އެ ދެ މީހުން ޓޭޕްއަޅުމަށް ފަހު ނަޖީބުގެ ކަރަށް ވަޅިހަރައި މަރާލިކަން މުއްރަތުގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވެއެވެ.