23 Dec 2012, 09:31
ޔޫރަޕްގެ ގައުމުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމަށްޓަކައި ދުނިޔޭގެ މަޝްހޫރު އެކިއެކި ސެލިބްރިޓީން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާއިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ރޭ ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ (ޕަބްލިކް ރިލޭޝަން) ޕީއާރު ފާމްތައް މެދުވެރިކޮށް، ބޭރުގެ މައްޝޫރު ސެލެބްރިޓީން ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ އިރު އެ މަސައްކަތުގެ ދަށުން މިހާތަނަށް އެފަދަ ބައެއް މަޝްހޫރު ތަރިން ރާއްޖެ މިހާރު ވެސް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
އެގޮތުން ދުނިޔޭގެ މަޝްހޫރު ބައެއް ކުޅިވަރު ޝަހުސިއްޔަތުތަކާއި ހޮލީވުޑްގެ މައްޝޫރު ފިލްމީ ބައެއް ތަރިން މި އަހަރުގެ ތެރޭގައި ވެސް އައިސްފައިވާ ކަމަށާއި މިހާރު ވެސް އެފަދަ ބައެއް މަޝްހޫރު ފަރާތްތައް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖެއަކީ ޓޮޕް ސެލެބްރިޓީސްގެ ޑެސްޓިނޭޝަނެއް އަބަދު ވެސް. މިއަހަރު ރާއްޖޭގެ ޕީއާރުފާމްތައް ތްރޫކޮށް[މެދުވެރިކޮށް] ވާނީ ބޮޑެތި ހުރިހާ ސެލިބްރިޓީސްތަކަށް އިންވިޓޭޝަން ފޮނުވާފައި. ސެލެބްރިޓީޒް ގެނައުމުން އެމީހުން ފޮލޯ ކުރޭ އެބަ އެތައް ބައެއް. މިނިއު އިޔާގައި[އާ އަހަރުގައި] ވެސް އެފަދަ އެތައް ބަޔަކު ރާއްޖެ އައުމަށް ވަނީ ބުކްކޮށްފައި. މިހާރު ވެސް އެފަދަ ބައެއް ސެލަބްރިޓީސް އެބަ ތިބި ރާއްޖޭގައި،" އަދީބް ވިދާޅުވި އެވެ.
ޓޫެރިޒަމް މިނިސްޓްރީން ވަނީ މި އަހަރު ރާއްޖެ އަށް އެއް މިލިޔަން ޓޫރިސްޓުން ގެނައުމަށް ޓާގެޓްކޮށްފަ އެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަށް ބަލާ އިރު އެ ޓާގެޓް ހާސިލްކުރުމަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 85,501 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ އިރު މިއަހަރު ޒިޔާރަތްކޮށްފައި ވަނީ، ކުރީ އަހަރަށް ވުރެ 3190 މީހުން މަދުކޮށް، 82,311 ޓޫރިސްޓުންނެވެ. އެހެންކަމުން އެއް މިލިއަން ޓޫރިސްޓުން މި އަހަރު ތެރޭގައި ގެންނަން ބޭނުން ނަމަ ޑިސެމްބަރު މަހު އެކަނި ވެސް 133690 ޓޫރިސްޓުން ރާއްޖެ ގެންނަން ޖެހެ އެވެ.
އަދީބް ވިދާޅުވީ އެޓާގެޓް ހާސިލްކުރުމަށް މިއަހަރުގެ އެންމެ ފަހުގެ ތާރީހާ ހަމައަށް ވެސް މަސައްކަތް ކުރައްވާނެ ކަމަަށާއި އެ ޓާގެޓް ހާސިލް ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެ ދާއިރާގެ އަގު ވައްޓާލުމަށް އެތައް ގައުމެއްގައި ރާއްޖޭގެ ބައެއް ފަރާތްތަކުން ވަރަށް ބޮޑެތި އެންޓި ކެންޕެއިން ވެސް ޖައްސާފައިވަނިކޮށް ކަމަށެވެ.
"މިހާރު މި ޓާގެޓްކުރާ ސެލެބްރިޓީޒްގެ ލިސްޓާ އެކު ބޮޑު ކުރިއެރުމެއް އަންނަ އަހަރު ލިބޭނެ. މިހާރު ވެސް ރާއްޖޭގައި އެބަތިބި މަޝްހޫރު އެތައް ބައެއް، އެފަދަ މަޝްހޫރު ސެލެބްރިޓީޒްއާ ބެހޭ މައުލޫމާތުތައް ހާމަކުރާނަން އެފަރާތްތައް ފުރީމާ މިއަހަރު ނިމުމުން. މި އަހަރަށް ޓާގެޓް ކުރި އަދަދު ހާސިލް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައި. އެއްކޮޅުން ގިނަ ބަޔަކު މި ދާއިރާ އަށް އެންޓި ކެމްޕެއިން ޖައްސަމުންދާ އިރު ޔޫރަޕްގެ ބައެއް ގައުމުތަކަށް ކުރިމަތިވެފައިވާ ފައިނޭޝަލް ކްރިސިސް ހިމެނޭ. ނަމަވެސް މި އަހަރު ނިމުމުން އަޅުގަނޑުމެން ހާމަކުރާ ސެލެބްރިޓީޒްގެ ލިސްޓުން ވެސް އެނގިގެންދާނެ ބަޔަކު ކިތަންމެ އެންޓި ކެމްޕެއިނެއް ޖެއްސި ނަމަވެސް ރާއްޖެ އަންނަ އެފަދަ ފަރާތްތައް ނުގުޑާކަން،" އަދީބް ވިދާޅުވި އެވެ.
ރާއްޖެ އަށް މިއަހަރު އެއް މިލިޔަން ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވިފައިވާ އިރު މިދިޔަ އަަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންނާ އަޅާބަލާ އިރު މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 2.4 ޕަސެންޓް އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ މަހުގެ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މަންޒިލްތަކުގެ ތެރެއިން ޔޫރަޕުން ޓޫރިސްޓުން އައި މިންވަރު ވަނީ 9.2 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި މެދު އިރުމަތީން ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވަނީ 33.4 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ނަމަވެސް އޭޝިއާ އިން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 6.4 ޕަސެންޓް އިތުރުވެފަ އެވެ.