ކުރިން އޮންނަ އުސޫލަށް ބަދަލުތަކެއް ގެނެސް ރާއްޖެ އިން ޓޫރިސްޓުން ނޫން ގޮތުގައި އިންޑިއާ އަށްދާ މީހުން ވިސާ ނަގައިގެން އިންޑިއާ އަށްދާ ގޮތަށް އެ ގައުމުގެ ސަރުކާރުން ހަމަޖެއްްސުމާ ގުޅިގެން، އިންޑިއާ އަށް ދިއުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައި ވާތީ އިންޑިއަން ހައިކޮމިޝަނުން މާދަމާ ހެނދުނު ދޫކުރުމަށް ހަމަޖެހިފައިވާ ނަމްބަރު ހޯދަން މިރޭ ކިިއުޖައްސަން ފަށައިފި އެވެ.

މިރޭ ގާތްގަނޑަކަށް ހަތެއް ޖަހަން އުޅެނިކޮށް އިންޑިއަން ހައިކޮމިޝަން ދޮށުގައި ވަނީ ވިސާ ހޯދަން ބޭނުންވާ ގިނަ ބަޔަކު ކިޔު ޖައްސަންފަށައިފަ އެވެ. ކިޔު ޖައްސާފައިވާ މީހުންގެ ތެރޭގައި އަންހެނުނާއި ފިރިހެނުން ތިބި އިރު އުމުރުން ދުވަސްވީ މީހުން ވެސް އެ ކިޔޫގައި މަދެއް ނޫނެވެ.

ގިނަ މީހުން ކޮޅަށް ކިޔުގައި މަޑުކޮށްގެން ތިބި އިރު ބައެއް މީހުން ވަނީ ގެއިން ގޮނޑި ހިފައިގެން ގޮސް ކިޔުގައި ޖައްސައިފަ އެވެ.

އެ ސަރަހައްދުގައި ގިނަ ބަޔަކު މިރޭ ކިޔު ހަދާފައި ވަނީ ވިސާ ހޯދަން ހެނދުނު ގޮސްގެން ބައެއް މީހުންނާ ހަމައަށް ދާންވާ އިރަށް އެ ދުވަހަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ނަމްބަރު ހަމަވުމުން ވިސާ ހޯދުމުގެ ފުރުސަތު ނުލިބޭތީ އެވެ. އަދި ބައެއް މީހުން ވިސާ ހޯދަން ދެ ތިން ދުވަހު ކިޔު ހަދައިގެން ވެސް ނަމްބަރު ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އިންޑިއަން ހައިކޮމިޝަނުން ކުރިން ހަމަޖައްސާފައި އޮންނަނީ ދުވާލެއްގެ މައްޗަށް ވިސާ ހޯދުމަށް 40 ނަމްބަރު ދޫކުރާ ގޮތަށެވެ. ނަމަވެސް ބޭސްފަރުވާ ފަދަ މުހިންމު ބޭނުންތަކަށް އިންޑިއާ އަށް ދިއުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން ބައެއް ފަރާތްތަކުން ކުރަމުން ގެންދާ ޝަކުވާއާ ގުޅިގެން ފޮރިން މިނިސްޓްރީން އިންޑިއަން ހައިކޮމިޝަނާ ވާހަކަ ދައްކައިގެން މިހާރު ވަނީ ދުވާލެއްގެ މައްޗަށް 53 ނަމްބަރު ދޫކުރާ ގޮތަށް ވެސް ހަމަޖައްސައިފަ އެވެ.

އިންޑިއާ އަށް ދާން ބޭނުންވާ ވިސާ ހޯދުމުގައި ދިވެހިންނަށް ތަފާތު ދަތިތަކާ ކުރިމަތިވެފައިވާ އިރު އިންޑިއަން ހައިކޮމިޝަނަށް ވިޝާ ހޯދަންދާ ބައެއް ފަރާތްތަކާ މެދު އެތަނުގައި ތިބޭ މީހުން ޖެއްސުން ކުރަމުން ގެންދާ ކަމުގެ ޝަކުވާތައް ވެސް އާއްމުން ވަނީ ކުރަން ފަށައިފަ އެވެ.