މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު އަންހެނުންގެ ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގ (އެމްބީސީ) އަތުން 6-0 ލަނޑުން ދިވެހި ސިފައިންގެ ޓީމް މޮޅުވެއްޖެ އެވެ.

މިއަދުގެ މެޗުގައި ސިފައިންގެ ޓީމުން އެމްބީސީ ކޮޅަށް ޖެހި ހަގޯލުގެ ތެރެއިން، ސިފައިންގެ ޓީމަށް ދެ ގޯލް ކާމިޔާބު ކޮށްދިން ފަދުވާ ޒާހިރު ވަނީ ކުއީން އޮފް ދަ މެޗުގެ މަގާމު ހޯދައިފަ އެވެ. އަދި ސިފައިންގެ ޓީމުގެ މަރިޔަމް މިރުފަތާއި އާމިނަތު ދިމްނާ އަދި ސަހުލާ ތައުފީގް، މިތިން ކުޅުންތެރިން ވެސް ގޯލެއް ކާމިޔާބު ކުރިއިރު، އެމްބީސީގެ ސުނީތާ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ.

މިއަދުގެ މޮޅާއެކު ސިފައިން ވަނީ ތާވަލްގެ އެއްވަނަ މަގާމް ދިފާއު ކޮށްފަ އެވެ. އެ ގޮތުން މުބާރާތުގައި މިހާތަނަށް ހަތް މެޗު ކުޅެވުނު އިރު ތާވަލުގެ އެއްވަނައިގާ ސިފައިން އޮތީ 9 ޕޮއިންޓު ފައިދާއާ އަށް ގޯލާއެކު އެވެ. ތާވަލްގެ ދެ ވަނަ މަގާމްގައި އޮތީ 6 ޕޮއިންޓު، ފައިދާ ނުވަ ގޯލާއެކު ސަން ޓީމެވެ. ތާވަލްގެ ތިން ވަނަމަގާމްގައި 4 ޕޮއިންޓާ އޮތީ ލ. ސްޓާ އެވެ. އަދި ތާވަލުގެ ހަތަރު ވަނައިގާ އެއް ޕޮއިންޓާ އެކު އިސްކަންދަރު އޮތްއިރު، ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ އެމްބީސީ އޮތީ ތާވަލުގެ އެންމެ ފުލުގަ އެވެ.

ލީގު އުސޫލުން އެއްބުރު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓު ހޯދާ ހަތަރު ޓީމަށެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ އިސްކަންދަރު ސުކޫލްގެ ޓީމާއި ސަންޓީމެވެ. މެޗު ފަށާނީ ހަވީރު 4:25ގަ އެވެ.

ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި އަމިއްލަ ކުންފުނިތަކަށް ހުޅުވާލި މިމުބާރާތަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ބާއްވާ އަންހެނުންގެ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ.