26 Sep 2010, 15:09
20:10
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކާއި ކުޑަ ދެ ކުއްޖަކު ސ.މަރަދޫ ފޭދޫން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މަރަދޫ ފޭދޫ ފަރިވިލާގޭ އުމުރުން 23 އަހަރުގެ ހަސަން ސަލީމް ހޯދުމަށް ރޭ ހިންގި ޚާއްސަ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ދޮރުމަތީގައި މަސްތުވާތަކެތި ބަޔަކަށް ވިއްކަން މަސައްކަތް ކުރަނިކޮށް ކަމަށެވެ. ނަމަވެސް ފުލުހުންނަށް އެ ސަރަހައްދަށް ދެވުނުއިރު އޭނާގެ އަތުގައި ހުރި މަސްތުވާތަކެއްޗާއި ފައިސާތައް އުކާލުމަށްފަހު ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
މީގެ ކުރިންވެސް މަސްތުވާތަކެތީގެ ރިކޯޑް އޮތް ހަސަން ސަލީމާއެކު އެވަގުތު އިތުރު މީހަކާއި ކުޑަ ދެ ކުއްޖަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން އަނެއް މީހާ އާއި އެއް ކުއްޖަކު ހައްޔަރުކުރިއިރު އެކަށީގެންވާ ވަރަށް ހެކި ނެތިގެން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އަދި އޭރު އެމީހުން ހައްޔަރުކުރީ ހަސަން ސަލީމާއެކު ތިބުމުން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އެވަގުތު ހައްޔަރުކުރި އެއް ކުއްޖަކު އަދިވެސް ހުރީ ހައްޔަރުކޮށްފައި ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.