ށ. ބިލެތްފަހި ކައުންސިލްގެ ނައިބު ރައީސް އަލީ ސަމީރު ޑީއާރުޕީން ވަކިވެޑައިގެން ޕީޕީއެމް އަށް ސޮއި ކުރައްވައިފި އެވެ.

ޑީއާރުޕީ ޓިކެޓްގައި ބިލެތްފަހީ ކައުންސިލަށް އިންތިހާބު ވެފައިވާ ތިން މެންބަރުންގެ ތެރޭގައި ހިމެނޭ ސަމިރު ޕީޕީއެމް އަށް ސޮއި ކުރެއްވީ ރޭ އެރަށުގައި އެކަމަށް ބޭއްވި ރަސްމިޔާތެއްގަ އެވެ.

ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ސަމީރު މިއަދު ވިދާޅުވީ އެނާ ޕީޕީއެމާ ގުޅިވަޑައިގެންނެވީ ޑީއާރުޕީއަކީ މުސްތަގުބަލް އޮތް ޕާޓީއެއް ކަމަށް ގަބޫލު ނުކުރެއްވޭތީ އާއި އޭނާ އެ މަގާމަށް ހޮއްވެވި މެންބަރުންގެ ފިކުރަކީ ވެސް މިހާރު ޕީޕީއެމްގެ ފިކުރު ކަމަށްވާތީ ކަމަށެވެ.

"އަޅުގަނޑު ޑީއާރުޕީން ވަކިވެ ޕީޕީއެމްއަށް ސޮއި ކުރީ އަޅުގަނޑު ގަބޫލެއް ނުކުރަން ޑީއާރުޕީ އަކީ މުސްތަގުބަލް އޮތް ޕާޓީއެއް ކަމަށް އެއީ. އަދި އަޅުގަނޑު ކައުންސިލަށް ހޮއްވެވި ރައްޔިތުންގެ ތާއީދު އޮތީ ޕީޕީއެމްއަށް. އެހެންވީމާ އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ ބޭނުންވާ ފިކުރުގައި މަސައްކަތްކުރަން،" އޭނާ ވިދާޅުވި އެވެ.

ބިލެތްފަހި ކައުންސިލަށް ޑިއާރުޕީ ޓިކެޓްގައި ތިން މެންބަރުން އިންތިހާބު ވެފައިވާ އިރު ދެ މެންބަރުން އިންތިހާބު ވެފައި ވަނީ އަދާލަތު ޕާޓީގެ ޓިކެޓްގަ އެވެ.