ޕްރޮގްރޮސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އިސް މަގާމުތަކަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ނަންތައް މިއަދު އިއުލާންކޮށްފި އެވެ.

ޕީޕީއެމް އިން މިއަދު ބުނީ އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ އެ ޕާޓީގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އެކަނި ކަމަށާއި ނައިބު ރައީސް ކަމަށް ހަތް މެންބަރު ކުރިމަތި ލައްްވާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ކުރިމަތި ލެއްވީ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ އަހްމަދު ނިހާން ހަސަން މަނިކާއި އިލްހާމް އަހްމަދާއި މޫސާ ޒަމީރާއި އަހުމަދު މަހުލޫފާއި އަދި އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް އަބްދުލްޣަފޫރާއި ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިންތިހާބާ ބެހޭ ވަގުތީ ކޮމެޓީގެ މެންބަރު އަހްމަދު އަލި މަނިކު ވިދާޅުވީ ޕާޓީގެ ކައުންސިލަށް ހޮވާ އަށް މެންބަރުންގެ ކޮމެޓީ އަށް 39 މެންބަރަކު ކުރިމަތިލައްވާފަ ކަމަށެވެ.
އެ ބޭފުޅުންނަކީ؛ އިބްރާހިމް ހަމީދު، މުހައްމަދު ރަމީޒު އަލީ، މުހައްމަދު ވަހީދު އިބްރާހީމް، އަފްލަތު އަލީ، އަބްދުއްރަޝީދު ނާފިޒު، އިބްރާހީމް މުއާޒު އަލީ، މުހައްމަދު އީހާބު އަލީ، އިބްރާހީމް ވަހީދު، އަނީސާ އަހުމަދު، އަހުމަދު ނަސީމު، އަހުމަދު ލަތީފު، އަބުދުލްއަލިއްޔު މުހައްމަދު އިނާޒު، އަހުމަދު ޒަބީން، އަހުމަދު އަދީބު އަބްދުލްޣަފޫރު، ހުސައިން ލިރާރު، ޖައުފަރު އީސާ އާދަމް، އަޒުލީން އަހުމަދު، މުހައްްމަދު ނަދީމު، މުހައްމަދު ލަތީފު، އަހުމަދު މުސްތަފާ، މުހައްމަދު ހުސައިން ޝަރީފު، މުހައްމަދު ރިޔާޒު، އަބްދުއްލަތީފު މުހައްމަދު، މުހައްމަދު ޝިޔާމު، އަހުމަދު ފާރިސް މައުމޫން، ހުސައިން މަނިކު ދޮންމަނިކު، މުހައްމަދު ނިމާލު، ނާއިފު ޝައުކަތު، ފާތުމަތު ބަދޫރާ، އަބްދުﷲ ޝިނާނު، އަބްދުﷲ އާރިފު، މުހައްމަދު ޣައްސާން މައުމޫން، އިބްރާހީމް ހުސައިން، އިލްޔާސު ފަރުހާދު، އަހުމަދު ސަލީމު، އަހުމަދު ނާޒިމު، އަހުމަދު ސިއްދީގު، އާމިރު އަލީ، އަލީ ރަޝީދެވެ.

ޕާޓީގެ ގޮފިތަކަށް ކުރިމަތިލައްވާފައިވާ މެންބަރުންގެ ނަންތައް ވެސް މިއަދު އިއުލާން ކޮށްފައިވެ އެވެ. އެގޮތުން އަންހެނުން ގޮފީގެ ރައީސް ކަމަށް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނު އެކަނި ކުރިމަތިލައްވާ އިރު އަންހެނުން ގޮފީގެ ނައިބު ރައީސް ކަމަށް ހަތަރު މެންބަރު ކުރިމަތިލައްވާފައިވެ އެވެ.

މީގެ އިތުރުން އެ ޕާޓީގެ ކައުންސިލަށް އިންތިހާބުކުރާ އަންހެން ތިން މެންބަރުންގެ ކޮމެޓީ އަށް 11 މެންބަރަކު ކުރިމަތިލައްވާފައިވާ އިރު ޒުވާނުން ގޮފީގެ ރައީސް ކަމަށް ތިން މެންބަރުން އަދި އަދި ޒުވާނުންގެ ގޮފީގެ ނައިބު ރައީސް ކަމަށް ފަސް މެންބަރު ވަނީ ކުރިމަތިލައްވާފަ އެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށާއި އިންތިހާބާ ބެހޭ ކޮމެޓީ އަށް ބޭފުޅުން ކުރިމަތިލައްވާފައިވާ އިރު އެ ޕާޓީގެ އިސްތިއުނާފް ކޮމެޓީ އަށް އެކަށީގެންވާ އަދަދަށް މެންބަރުން ކުރިމަތިލައްވާފައިވާ ނުވާތީ އަލުން އެ ކޮމެޓީ އަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ޕީޕީއެމްގެ ދާއިމީ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ކޮންގްރެސް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 17 ން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.