22 Dec 2012, 15:37
އަޅުގަނޑަކީ ކުޑަ ވިޔަފާރިވެރިއަކީމެވެ! އާދައިގެ ކުޑަ ރީޓެއިލް ފިހާރައެއް ހިންގާ މީހަކީމެވެ. މިދިޔަ އޮކްޓޯބަރު ފަހުކޮޅު އަޅުގަނޑުގެ މޯބައިލް ފޯނަށް ކޯލެއް އަތިވެއްޖެ އެވެ. އިންޑިއަން ހައިކޮމިޝަނުންނެވެ. އިންޑިއާގައި އޮތް ލެދާ ގާމެންޓްސް ފެއާއަކަށް އެސްކޭޕަށް ދައުވަތު ދިނުމަށް ކަމަށް ބުނެ އެވެ. ދެކޮޅު ޓިކެޓާއި ހުރުމުގެ ޚަރަދު ވެސް ހިލޭ ކަމަށް ބުނެއެވެ. ރާއްޖޭގެ ހުރިހާ ރީޓެއިލް ފިހާރަތަކުގެ ތެރެއިން އަޅުގަނޑުގެ ފިހާރައަށް މިފަދަ ދީލަތި ޝަރަފެއް ލިބުނު ގޮތެއް ވިސްނާ ވިސްނާ ވެސް ނޭނގުނެވެ.
އަޅުގަޑަކީ އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ގާނޫނާ ޚިލާފަށް ހުޅުލޭ އެއަޕޯޓް 25 އަހަރަށް ކުއްޔަށް ދިނުމާ ދެކޮޅަށް ވަރަށް ގިނައިން ލިޔަމުންދާ މީހަކީމެވެ. އަޅުގަނޑަށް އިންޑިއާ ހައިކޮމިޝަނުން މިހުށަހެޅުއްވި ދީލަތި ހުށަހެޅުއްވުމާ އަޅުގަނޑުގެ ލިއުންތަކާ ކިހާވަރެއްގެ ގުޅުމެއްވޭބާވައޭ އަޅުގަނޑު ހިތަށްއަރަ އެވެ. ކޮންމެއަކަސް ދަތުރަށް ވަގުތުދެވެން ނެތްކަމަށް ބުނެ އަޅުގަނޑު އުޒުރުވެރި ވެގެންފީމެވެ.
ޖީއެމްއާރު އަތުން ގައުމީ އެއާޕޯޓް މިނިވަން ކުރުމަށް މަސައްކަތްކުރާ އިއްތިހާދުގެ އިސްބޭފުޅެއްކަމުގައިވާ ސޮބާ ރަޝީދު ނޮވެމްބަރު ދެވަނަ ދުވަހުގެ ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމަށް އެރި އެވެ. ސޮބާ ވިދާޅުވި ގޮތުގައި އޭނާ އަށް އިންޑިއަން ހައިކޮމިޝަނަށް ވަޑައިގަތުމަށް އެކި ސިފަ ސިފާގައި ދައުވަތު ލިބެމުން އާދެ އެވެ. އަދި ސޮބާ ފަދަ އިއްތިހާދުގެ ބޭފުޅުން ފަހަތުން "މިލިއަން ޑޮލަރު" ދުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. މިއީ ފަހެ އިއްތިފާގެއްތޯ އެވެ؟
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނަރު، މުލޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ޒުވާން ބައެއް މެންބަރުންނާ ދާދިފަހުން ރިސޯޓެއްގައި ބައްދަލުކުރައްވައި ޖީއެމްއާރުގެ ދިފާއުގައި ވަކާލާތުކުރައްވާފަ އެވެ. ކޮންމެ ގައުމަކުން ވެސް އެގައުމުގެ ބޮޑެތި ކުންފުނިތައް ބޭރު ގައުމުތަކުގައި އިންވެސްޓް ކުރުމުން އެކުންފުނިތަކަށް އެހީތެރިވެ، ދިފާއުގައި މަސައްކަތް ކުރާނެ އެވެ. ނަމަވެސް ކަނޑައެޅިގެން އެއްފަރާތައްބުރަވެ، ރާއްޖޭގެ ގާނޫނުތަކާ ފާޅުގައި ޚިލާފުވެ ކޮށްފައިވާ އެގްރިމެންޓެއްގެ ދަށުން ޖީއެމްއާރުން ރާއްޖޭގައި ކުރިއަށް ގެންދާ މަސައްކަތަކީ ފޮރިން އިންވެސްޓްމެންޓެއް ނޫނެވެ. އެއީ ބައިނަލްއަގުވާމީ ޖަރީމާއެކެވެ. އެއީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި ދިވެހިންގެ ދީނަށް ގޮންޖަހައި، ދިވެހިން އަޅުވެތިކުރުމުގެ ދިގުރާސްތާގެ މާސްޓަރޕްލޭނެއްގެ ފެށުމެވެ!
ދިވެހިރާއްޖެ ޖިއޮގްރާފީގެ އިއްތިފާގަކުން މިއޮތް ސަރަހައްދަކީ މިވަގުތު ދުނިޔޭގައި އޮތް އިގްތިސާދީ އަދި ދިފާއީ އެންމެ މުހިއްމު އެއް ސަރަހައްދެވެ. އިނގިރޭސި ބަހުން ދަންނަވަނީ ނަމަ މިއީ މުޅި އޭޝިއާ ބައްރުގެ އެންމެ ސްޓްރެޓެޖިކް ލޮކޭޝަނެވެ. މިތަނުގެ ކޮންޓްރޯލް ލިބިއްޖެ ބަޔަކަށް ދުނިޔޭގެ ސުޕާ ޕަވަރަކަށް ވެވޭނެ އެވެ. އެގޮތުން ސިޔާސީ ގޮތުން ދިވެހިރާއްޖެއާ ގުޅުން ބަދަހިކޮށް، ކޮންޓްރޯލް ހޯދުމަށް ބޮޑެތި ގައުމުތަކުން މަސައްކަތް ކުރާނެ އެވެ. އެއީ ސިޔާސީ ހަގީގަތެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. އިނގިރޭސިންނާއި، އެމެރިކާއިނާއި، ޗައިނާ އިންވެސް މިއުސޫލުގެ ދަށުން ރާއްޖެއާ ގުޅުން ބަދަހިކުރެއެވެ. ނަމަވެސް ޒަމާނުއްސުރެ އިންޑިއާއިން ގެންގުޅޭ ސިޔާސަތުތައް ދިރާސާކުރުމުން ދޭހަވާއެއްޗަކީ އިންޑިއާއިން ބޭނުންވަނީ ހަމައެކަނި ސިޔާސީ ކޮންޓްރޯލެއް ނޫންކަމެވެ. އިންޑިއާ ބޭނުންވަނީ 2030 އަންނަންވާއިރަށް ދިވެހިރާއްޖެއަކީ އިންޑިއާގެ ސްޓޭޓަކަށް ހެދުމަށް ކަމަށް ވެދާނެ އެވެ. މިހާރު ވެސް ދިވެހިންނަކީ އާދަކާދައާއި ބަހުގެ ގޮތުން އިންޑިއާ މީހުންނާ ވަރަށް އެއްގޮތް ބައެކެވެ.
ދިވެހިންގެ ގިނަބަޔަކު އެންމެ ލޯބިކުރަނީ އިންޑިއާ މިއުޒިކަށާއި އިންޑިއާ ލަވައަށެވެ. ދިވެހިން އެންމެ ގިނައިން ބަލަނީ ހިންދީ ފިލްމެވެ. އެންމެ ސަޕޯޓްކުރަނީ އިންޑިއާ ފިލްމީ ތަރިންނަށެވެ. ބަތާއިރިހަ އާއި ބިރިޔާނީ އިން ފެށިގެން ދިވެހިންގެ ކެއުމުގެ އާދަތައް ވެސް އިންޑިއާގެ ކެއުމާއި ވަރަށް ވައްތަރެވެ. ދިވެހިންގެ ގިނަ ބަޔަކަށް ހިންދީބަސް ކޮންމެވެސް ވަރަކަށް އެނގެ އެވެ. އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭރުގައުމެއްގެ ބަޔަކަށް އެންމެ ގިނައީ ދިވެހިންނެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއާބާދީގެ ބޮޑު ބަޔަކީ އިންޑިއާ މީހުންނެވެ. ދިވެހިން ބޭސްފަރުވާއަށް ބޭރު ގައުމަކަށް އެންމެ ގިނައިން ދަނީ އިންޑިއާ އަށެވެ. ކަނޑުގަދަވެގެން އިންޑިއާގެ ލަކުޑި އޮޑިތަކަށް ދަތުރު ނުކުރެވި ލަސްވެއްޖެ ނަމަ ދިވެހި ގައުމު ކުކުޅު ބިހަށާއި ތަރުކާރީއަށް ޖެހެ އެވެ. މުންޑު އަރުވާޖަހާފައި ތިބި ވިއްސަކަށް ތަމަޅައިން އޭކޭ 47 ބަޑިހިފައިގެން ފަތިހު މާލެއަށް އެރުމުން ދިވެހިން އެހީހޯދަން ޖެހުނީވެސް އިންޑިއާގެފަރާތުންނެވެ.
މިހުރިހާކަމަކަށް ބަލާ އިރު އިންޑިއާ އިން ދިވެހި ގައުމު ދެކެނީ ވަރަށް ނާޒުކު، ފަސޭހައިން ގޮތްގޮތް ހަދާލެވޭ ކަހަލަ ކުޑަ ކުޑަ ގައުމެއްގެ ގޮތުގަ އެވެ. މާވަހަރަކީ ވެސް އޭގެ ޒާތުގައި ބަލިކަށި، ނާޒުކު އެއްޗެކެވެ. ނަމަވެސް އޭގެ އަގު ހުންނަނީ އޭގެ އަގު އެނގޭ މީހަކަށެވެ. ޒަމާނުއްސުރެ ވެސް ރާއްޖޭގެ އަސްލު އަގު އިންޑިއާ އަށް އެނގެ އެވެ.
ނޮވެމްބަރު 3ގެ ފަހަތުގައި އިންޑިއާ ސަރުކާރަށް ނިސްބަތްވާ ކޮންމެވެސް ބަޔަކު ވީކަމަށް ވާހަކަދެކެވުނީ މިސަބަބަށްޓަކަ އެވެ. ޖީއެމްއަރުގެ ފޮރުވިފައިވާ އަނދިރިފަރާތުގައި އިންޑިއާ ސަރުކާރަށް ނިސްބަތްވާ ކޮންމެވެސް ބަޔަކު ވާކަމަށް ވާހަކަ ދެކެވެނީ ވެސް މިސަބަބަށްޓަކަ އެވެ.
ސިޔާސީ މީހަކަށް ވެވޭނީ ކޮންމެވެސް ވަރަކަށް ދޮގު ހަދަންވެސް ދަސްވެގެންނެވެ. އަޅުގަނޑަސް ސިޔާސީ ނުވެވޭނީ މިސަބަބާހެދިކަމަށް ވެސް ވެދާނެ އެވެ. ކަމުގެ ހަގީގަތް އޮންނަގޮތަށް ބުނާތީ އެވެ.
އިންޑިއާ އިން ރާއްޖެއާ މެދު ދެކެނީ މިފަދަ ހީލަތްތެރިގޮތަކަށްކަން ރާއްޖޭގެ ސިޔާސީ ހުރިހާ ފަރާތަތަކަށް ވެސް ވަރަށް ސާފުކޮށް އެނގޭނެ އެވެ. ނަމަވެސް ރާއްޖޭގެ ނާޒުކުކަމާއި ބައިނަލްއަގުވާމީ ޑިޕްލޮމެސީއަށް ޓަކައި ބައެއްކަހަލަ ވާހަކަ ދައްކަންޖެހެނީ ދެމާނަ އެކުލެވޭ ބަހުރުވައިންނެވެ. ޖީއެމްއަރު މައްސަލަ އާއި އިންޑިއާ އާ ގުޅޭގޮތުން ރައީސް ޑރ. ވަހީދާއި ކުރީގެ ރައީސް މައުމޫނު ވެސް މިފަދަ ދެމާނަ ދޭހަވާ ބަހުރުވައިން ފަހަކަށް އައިސް ވާހަކަ ދައްކަވަ އެވެ. އިންޑިއާގެ ދުރު ރާސްތާގެ ވިސްނުމާއި ރާއްޖެއާމެދު ދެކޭ އަސްލު ގޮތް މިބޭފުޅުންނަށް ވެސް ސާފުކޮށް އެނގިވަޑައިގަންނަވާނެ އެވެ.
ޖީއެމްއާރު މަޝްރޫޢު މިފަހަރު ކާމިޔާބު ނުވިއަސް، މީގެ އަދި ދިހަ އަހަރު ނުވަތަ ތިރީސް އަހަރު ފަހުން ވިއަސް އިންޑިއާ އިން އަދިވެސް މިމަސައްކަތް ކުރާނެ އެވެ. ދިވެހިންގެ މިޖީލުގެ ވެރިން ވަރަށް ހަރުދަނާ، ސްޓްރެޓެޖިކް ސިޔާސީ ސޭފްޓީ ނިޒާމެއް ގާއިމުކޮށް ސްޓެރެޓެޖިކް ސިޔާސީ އެލައެންސްތަކެއް ނުހަދައިފި ނަމަ އިންޑިއާ އިން ދެން މިކަމާ ކުރިމަތިލާނީ ކުރީގެ ތަޖުރިބާގެ އަލީގައި ޖީއެމްއާރަށް ވުރެ މާވަރުގަދަ ޖައެންޓަކާއި އެކު، ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ.
އަޅުގަނޑަކީ ސިޔާސީ މީހެއްނޫނެވެ. އަޅުގަނަޑަށް ސީދަލަށް ދަންނަވަން ވެސް ކެރެ އެވެ. އިންޑިއާ އަކީ ކިތަންމެ "ރަހުމަތްތެރި"، "އަވަށްޓެރި"، "ރާއްޖެ އަށް އެހީވާ" ގައުމަކަށް ވިއަސް އިންޑިއާ އިން ރާއްޖެއާ މެދު ހަގީގަތުގައި ދެކެނީ ދުރުމުސްތަގުބަލުގައި އިންޑިއާގެ އަމިއްލަ ސްޓޭޓެއްގެ ގޮތުގަ އެވެ. މިކަމާމެދު ފާރަވެރިނުވެ މިހާރު ފަރުވާ ކުޑަކޮށްފި ނަމަ މީގެ ވިއްސަކަށް އަހަރު ފަހުން ވިއަސް މިކަން ހަގީގަތަކަށްވާ ދުވަހު ކޮންމެވެސް ބަޔަކު މިކޮލަމް ކިޔާފައި މިޖީލުގެ ސިޔާސީވެރިންގެ ހިކުމަތެއްނެތޭ ބުނެ މަލާމާތްކުރާނެ އެވެ.