މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މާދަމައިން ފެށިގެން މުޅިން އާ ސިސްޓަމެއް ބޭނުންކުރުމަށް ނިންމާފައިވާކަމަށް އެ އޮތޯރިޓިން ބުނެފި އެވެ.

މީރާ އިން ބުނީ އެންޓަޕްރައިސް ސޮޕްޓުވެއާ ހެދުމަށް މަޝްހޫރު ޖަރުމަނުވިލާތުގެ ކުންފުއްޏެއްކަމަށް ވާ އެސްއޭޕީ ގެ "ޓެކްސް އެންޑް ރެވެނިއު މެނޭޖްމަންޓް" މާދަމާ ބޭނުންކުރަން ނިންމާފައިވާއިރު އެސިސްޓަމްގެ ދަށުން ހިދުމަތްދޭނީ ޓެކްސް ދައްކާ ފަރާތްތައް ރަޖިސްޓްރީ ކުރު މަށާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާން ބަލައިގަތުމާއި ބީޕީޓީ ބަޔާން ބަލައިގަތުމުގެ އިތުރުން އެ ދާއިރާގެ ޓެކްސްއާ ގުޅޭ ފައިސާ ބަލައިގަތުމުގެ މަސައްކަތްތަކަށް ކަމަށެވެ.

"ޓެކްސް ދައްކާ ފަރާތްތައް މީރާގައި ރަޖިސްޓްރީކުރުމަށް މިހާރު ބޭނުންކުރާ ފޯމަށް މި ބަދަލާ ގުޅިގެން ބައެއް ބަދަލުތައް އަންނާނެ، އެގޮތުން ޓެކްސް ދައްކާ ފަރާތް ރަޖިސްޓްރީ ކުރުމަށާއި އެފަރާތުގެ ބޭންކް އެކަންޓްތައް ރަޖިސްޓުރީ ކުރުމަށާއި އެފަރާތުން ހުށައަޅާ ޓެކްސް ބަޔާންތަކުގެ ސޮއިކުރާނެ ފަރާތްތައް ރަޖިސްޓުރީ ކުރުމަށް މިހާރު ބޭނުންކުރާ ތިން ފޯމުގެ ބަދަލުގައި މާދަމާއިން ފެށިގެން ބޭނުންކުރާނީ އެއް ފޯމް" މީރާ އިން ބުންޏެވެ.

އަދި ބުނީ މާދަމާއިން ފެށިގެން އެސިސްޓަމް ތައާރަފްކުރާއިރު އެސިސްޓަމުން ބަލައިގަތުމަށް ހަމައެކަނި ހަމަޖެހިފައިވަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ބީޕީޓީ ގެ ޓެކްސް ބަޔާނާއި ފައިސާ ކަމުގައި ވިޔަސް ކުރިއަށް އޮތްތަނުގައި މީރާއަށް ބަލައިގަންނަ ހުރިހާ ފައިސާއެއްވެސް އެސިސްޓަމް މެދުވެރިކޮށް ބަލައިގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.