ބިމާ ވަރަށް ގާތުން އެސްޓްރޮއިޑެއް (ބިޔަ ހިލަގަނޑެއް) ދަތުރުކޮށްފައި ހިނގައްޖެކަން ފަޒާއާ ބެހޭ އިލްމުވެރިން ހާމަކޮށްފި އެވެ.

ފަޒާއާ ބެހޭ މަޝްހޫރު ބައެއް ޢިލްމުވެރިންނާ ޙަވާލާދީ ރޮއިޓާސް ޚަބަރުދޭ ގޮތުގައި "ޓޯޓާޓީސް" ނަމުން ނަންދީފައިވާ މި އެސްޓްރޮއިޑް ބިމާ ގާތުގައިވާ އޯބިޓަކުން ދަތުރުކޮށްފައި ދިޔައީ ނިމިގެން މިދިޔަ ހަފްތާގައި ކަމަށާއި މިއީ މި އެސްޓްރޮއިޑް ބިމާ އެންމެގާތުން ދަތުރުކުރި ފަހަރު ކަމުގަ އެވެ. "ޓޯޓާޓީސް" އެންމެ ފުރަތަމަ ފެނިފައި ވަނީ 1934 ވަނައަހަރު އެވެ. އެއަށް ފަހު 1989 އަހަރާ އަދި 2004 ވަނަ އަހަރު ވެސް ބިމުގެ ކައިރިން އެއެސްޓްރޮއިޑް ދަތުރުކޮށްފައިވާ ކަމަށް އެމެރިކާގެ ފަޒާއާބެހޭ އިދާރާ "ނާސާ" އިން ބުނެ އެވެ.

އެސްޓްރޮއިޑް ދިރާސާ ކުރުމުގައި އިސްކޮށް އުޅުއްވާ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ ލާންސް ޕިނޭރު ވިދާޅުވި ގޮތުގައި ކޮންމެ ހަތަރު އަހަރަކުން "ޓޯޓާޓީސް" ބިމާކައިރިން ބުރެއްއަޅާކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. މިދިޔަ ހަފްތާގައި "ޓޯޓާޓީސް" ދަތުރުކޮށްފައި ވަނީ ބިމާ ހަތް މިލިޔަން ކިލޯ މީޓަރު ދުރުގައިވާ އޯބިޓަކުން ކަމަށާއި "ޓޯޓާޓީސް"ގެ ދިގުމިނުގައި 4.3 ކިލޯމީޓަރު ހުރި އިރު މިއީ ނިސްބަތުން ބޮޑު އެސްޓްރޮއިޑެއް ކަމަށް ޕިނޭރު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މުސްތަޤްބަލްގައި މި އެސްޓްރޮއިޑް މިއަށް ވުރެ ބިމާގާތުން ދަތުރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. ނަމަވެސް "ޓޯޓާޓީސް" ބިމުގައި ޖެހި މުޑިއެރުމުގެ ބިރު ކުރިޔަށްއޮތް ސަތޭކަ ވަރަކަށް އަހަރުތެރޭގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓްރޮއިޑް ފަދަ ތަކެތި ބަލައި ދިރާސާކުރުމަށް ފަޒާއާ ބެހޭ ޢިލްމުވެރިން ބޭނުންކުރަނީ ފަޒާއާބެހޭ ރާޑަރުތަކާއި ބާރުގަދަ އޮޕްޓިކަލް ޓެލެސްކޯޕްތަކެވެ. މިއީ ބައެއް ޢިލްމުވެރިން ވަރަށް ޝައުޤުވެރިކަމާ އެކު ކުރަމުންގެންދާ މަސައްކަތެކެވެ. (ރޮއިޓާސް)