22 Dec 2012, 14:56
ލ. ގަން ތުނޑީ އަވަށުގައި އަލަށް އާބާދުކުރާ ސަރަހައްދުގެ ގެއެއްގެ ތެރޭގައި ބަނގުރާ ބޯން ތިބި ކަމަށް ތުހުމަތުކުރެވޭ ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެނެސް ބަނގުރާތައްޔާރުކުރަން ބޭނުންކުރާ އާލާތްތަކަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެހިތަކެއް ފުލުހުން ހޯދައިފިއެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 22 އަހަރުގެ ދެ ފިރިހެނުންނާއި އުމުރުން 21 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެކެވެ.
އެ އެންމެންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި މަހުގެ 18 ވަނަދުވަހު ހަވީރު 17:50 ހާއިރު ލ.ގަން ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޝަންގައި ރާކައްކަން ބޭނުންކުރާ އާލާތްތައް ހޯދާފައިވަނީ އެރަށު ހުޅަނގުފަރާތު ވަލުތެރެއިންނެވެ.
އެ މައްސަލަތައް ލ.ގަން ޕޮލިސް ސްޓޭޝަންއިން ދަނީ ތަޙްޤީޤް ކުރަމުންނެވެ.
މިއަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައިވެސް ލ.ގަން މަތިމަރަދޫ އަވަށު ވަލުތެރެއިން ބަނގުރަލުގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ލ.ގަން ޕޮލިސް ސްޓޭޝަންގެ ފުލުހުންވަނީ ހޯދާފަ އެވެ.