އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މުއާސަލާތީ ހިދުމަތުން ޖީއެސްޓީ ނެގުމާއި އިމްޕޯޓް ޑިއުޓީ އިއާދަކުރުމަށް ބަޖެޓް ކޮމެޓީން ތާއީދުކޮށްފި އެވެ.

ދެ ބިލިއަން ރުފިޔާގެ ޑެފިސިޓަކާ އެކު ޖުމްލަ 16.9 ބިލިއަން ރުފިޔާގެ ބަޖެޓް ކޮމެޓީން ދިރާސާކޮށް ނިންމި އިރު ޓެކްސްތަކަށް ބަދަލުގެނެސްގެން އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ގިނަ ކަންތައްތަކަށް ވަނީ ބަޖެޓް ކޮމެޓީގެ ތާއީދު ލިބިފަ އެވެ. ތާއީދު ނުލިބުނީ ބެޑް ޓެކްސް ދެމެހެއްޓުމަށެވެ.

ކޮމެޓީގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިންމާލި އިރު ކޮމެޓީން ނިންމާފައި ވަނީ މުވާސަލާތީ ހިދުމަތުން ޖީއެސްޓީ ނެގުމާއި ބައެއް މުދަލުގެ އިމްޕޯޓް ޑިއުޓީ އަލުން މުރާޖައާ ކުރުމާއި ބިދޭސީންގެ އަތުން އެއާޕޯޓުން ނަގާފީ ބޮޑުކުރުމާއި އަދި ޓީޖީއެސްޓީ ބޮޑުކުރުމަށެވެ. އަދި 14 ރަށެއް ރިސޯޓް ތަރައްގީކުރަން ދޫކޮށްގެން އާމްދަނީ ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ވެސް ކޮމެޓީން ވަނީ ތާއީދުކޮށްފަ އެވެ.

އެގޮތުން އަންނަ އަހަރު ބެޑް ޓެކްސް އުވާލައި ޓީޖީސްއެސްޓީ 12 ޕަސެންޓަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ. ނަމަވެސް ސަރުކާރުން ހުށަހެޅީ ބެޑް ޓެކްސް ވެސް ދަމަހައްޓާ ޓީޖީއެސްޓީ 15 ޕަސެންޓް ބޮޑުކުރާށެވެ.

މުއާސަލާތީ ހިދުމަތުން ޖީއެސްޓީ ނެގުމާއި އިމްޕޯޓް ޑިއުޓީ ރިވައިޒްކޮށް ބިދޭސީންގެ އަތުން އެއާޕޯޓުން ނަގާ ފީތައް ކޮމެޓީން ތާއީދުކުރި ނަމަވެސް އެ ޓެކްސްތަކުގެ ރޭޓްތައް އަދި ކަނޑައަޅާފައެއްނުވެ އެވެ. އެކަން ކަނޑައަޅާނީ ބަޖެޓް ރިޕޯޓް މަޖިލީހަށް ފޮނުވައި އެކަމަށް މަޖިލީހުގެ ތަޅުމުން ތާއީދު ލިބިއްޖެ ނަމަ އެ ކަމުގައި ތަޅުމުގައި ބަހުސްކޮށް ކޮމެޓީ މަރުހަލާގައި ދިރާސާތަކެއް ކުރުމަށް ފަހު އެވެ.

ބަޖެޓް ކޮމެޓީން ލަފާކޮށްފައި ވަނީ އާމްދަނީ އިތުރުކުރަން ހުށަހެޅި ފިޔަވަޅުތަކަށް ގެނައި ބަދަލުތަކާ އެކު އަންނަ އަހަރު އިތުރަށް ލިބޭނީ 1.5 ބިލިއަން ރުފިޔާ ކަމަށެވެ. ބަޖެޓް ފޮތުގައި ހިމަނާފައިވާ ގޮތުން ސަރުކާރުން ހިމަނާފައިވާ ފިޔަވަޅުތައް އެގޮތަށް ފާސްކޮށްފި ނަމަ 1.8 ބިލިއަން ރުފިޔާލިބޭނެ އެވެ.

ބަޖެޓް ފޮތުގައި ހިމަނާފައިވާ ގޮތުން އިމްޕޯޓް ޑިއުޓީ އަލުން އިއާދަކޮށް 250 މިލިއަން ރުފިޔާ ލިބޭ އިރު ޓީޖީއެސްޓީ ބޮޑުކޮށްގެން އަންނަ އަހަރު ދައުލަތަށް 631 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި އެއާޕޯޓުންދޭ ހިދުމަތުގެ ފީ އިތުރުކޮށްގެން 85.3 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ އެވެ.

މުއާސަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނަގަން ފެށުމާ އެކު 200 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިސާބުކޮށްފައިވެ އެވެ. އަދި އިތުރު 14 ރަށެއް ރިސޯޓް ހަދަން ހުޅުވާލަން ގަސްތުކޮށްފައި ވާތީ 647.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

އަންނަ އަހަރުގެ ޖުމްލަ ބަޖެޓަކީ 16.9 ބިލިއަން ކަމަށްވާ އިރު 12.9 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އިރު އާމްދަނީގެ ހިސާބު ޖަހާފައި ވަނީ ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި އިސްލާހުތައް ފާސްވާނެ ކަމަށް ބަލައިގެންނެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައިވާ ގޮތުން އަންނަ އަހަރު ބަޖެޓް ސަޕޯޓްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 971 މިލިއަން ރުފިޔާގެ ތެރެއިން 771 މިލިއަން ރުފިޔާއަކީ ބޭރުގެ ލޯނު އެހީގެ ގޮތުގައި ލިބޭނެ ފައިސާ އެވެ. އަދި 200 މިލިއަން ރުފިޔާ ޑޮމެސްޓިކް ފައިނޭންސްގެ ގޮތުގައި ލިބޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

އަންނަ އަހަރުގެ ބަޖެޓް 16.9 ބިލިއަނަށް އަރާއިރު 70.7 ޕަސެންޓް ހަރަދުވާނީ ރިކަރަންޓް ހަރަދުގެ ގޮތުގައި ކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ. ރިކަރަންޓް ހަރަދުގެ ތެރެއިން 48 ޕަސެންޓް މުވައްޒަފުންނަށް ހަރަދުވެ އެވެ. އަދި ސަރުކާރުން ލޯނު އަދާކުރުމާއި ސަބްސިޑީ އަށްދޭ ފައިސާ އަށް ވެސް އަންނަ އަހަރު ބަޖެޓްގެ ބޮޑުބައެއް ހަރަދުވެ އެވެ.