22 Dec 2012, 13:54
ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ގެންދާ އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ރެޑްލައިން ކުލަބް (އާރުއެލްސީ) އާއި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ކުޅުނު މެޗު ބޮޑު ތަފާތަކުން އާރުއެލްސީ ކާމިޔާބު ކުރި އިރު، ލީގުގައި ރޭ ޑީއެސްސީ އާއި ހަރިކޭން ބާސްކެޓްބޯޅަ ކުލަބު ބައްދަލު ކުރި މެޗު ހަރިކޭން ކާމިޔާބު ކޮށްފި އެވެ.
ރެޑްލައިން ކުލަބު ދިވެހި ސިފައިންގެ ކުލަބު ބަލިކޮށްފައި ވަނީ 104 ޕޮއިންޓު 60 ޕޮއިންޓުން ނެވެ. އެ މެޗުގައި ރެޑްލައިން އަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 20 ޕޮއިންޓު ހޯދައިދިން އަލީ ފަޒީލު އެވެ. އަދި މެޗުގައި ޑީއެސްސީ އަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ 23 ޕޮއިންޓު ހޯދައިގެން މުޅިމެޗުގައި އެންމެ ގިނަ ޕޮއިންޓު ހޯދި މާކޯ ލެޓިނޮވިޗް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާރުއެލްސީ އަށް 12 ޕޮއިންޓު ހޯދައިދިން އިސްމާއީލް ވިލްދާން އެވެ.
ހުކުރު ދުވަހުގެ ރޭ ހަރިކޭން ބާސްކެޓްބޯޅަ ކުލަބާއި ދިވެހި ސިފައިންގެ ކުލަބު ބައްދަލު ކުރި މެޗު 85 ޕޮއިންޓް 69 ޕޮއިންޓުން ކާމިޔާބު ކުރީ ހަރިކޭން ބީސީ އެވެ. މި މެޗުގައި ހަރިކޭން އަށް އެންމެ ގިނަ ޕޮއިންޓް ހޯދާދީފައި ވަނީ އެ ޓީމަށް 21 ޕޮއިންޓް އެއްކޮށްދިން މުހައްމަދު ޚުވައިލިދު އެވެ. އަދި ޑީއެސްސީ އަށް އެންމެ ގިނަ ޕޮއިންޓު ހަމަކޮށް ދިނީ 36 ޕޮއިންޓު އެ ޓީމަށް ހޯދައިދިން މާކޯ ލެޓިނޮވިޗް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަރިކޭން އަށް 16 ޕޮއިންޓު ނަގައިދިން އަހްމަދު އިފްސާހު އެވެ.
ޑިސެމްބަރު 22ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ލީގު ޗެމްޕިއަންކަން ލިބޭނީ ދެ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. މިގޮތުން ލީގުގައި ބާކީ އެއްމެޗު އޮތް އިރު ދެބުރު ކުޅެގެން 13 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގާ އޮތީ ރެޑްލައިން ކުލަބެވެ. 13 ޕޮއިންޓު ހޯދައިގެން ތާވަލުގެ ދެވަނައިގައި ޓީ-ރެކްސް އޮތް އިރު 11 ޕޮއިންޓާ އެކު ތިންވަނަ ލިބެނީ ހަރިކޭން އަށެވެ. އަދި ފަހު ބުރުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ 11 ޕޮއިންޓާ އެކު 4 ވަނައިގާ އޮތީ ޑީއެސްސީ އެވެ.
މުބާރާތުގެ ޗެމްޕިއަން ކަން ލިބޭނީ މިރޭ ޓީ-ރެކްސް އާއި ރެޑްލައިން ކުލަބު ބައްދަލު ކުރާ މެޗުން މޮޅުވާ ޓިމަކަށެވެ. މެޗް ފަށާނީ މިރޭ 9:00 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.