އއ. ރަސްދުގައި ކުރިއަށްދާ "އިލްޝާ އއ. އަތޮޅު ކަޕު 2012" ފުޓްބޯޅަ މުބާރާތުގެ ފައިނަލު މެޗުގެ ދެޖާގަ ހިމަންދޫ އާއި މާޅޮސް ހޯދައިފި އެވެ.

ހިމަންދޫ ޓީމު ފައިނަލުން ޖާގައެއް ކަށަވަރު ކުރީ، ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު މުބާރާތް ކުރިއަށް ގެންދާ ރަސްދޫ ޓީމާ ވާދަކޮށް އެކެއް ސުމަކުން ރަސްދޫ ޓީމު ބަލިކުރުމަށް ފަހު އެވެ. އަދި މާޅޮސް ޓީމު ފައިނަލުން ޖާގައެއް ކަށަވަރު ކޮށްފައި ވަނީ ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި އިއްޔެ ހަވީރު ކުޅުނު ސެމީގެ ދެވަނަ މެޗުގައި ތޮއްޑޫ ޓީމާއި ވާދަކޮށް ދޭއް ސުމަކުން ތޮއްޑޫ ބަލިކުރުމަށް ފަހު އެވެ.

މި މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައި ވަނީ މުބާރާތުގެ ތިން ވަނަ ހޮވާ މެޗެވެ. ތިން ވަނަ ހޮވާމެޗުގައި ބައްދަލު ކުރާނީ ރަސްދޫ އާއި ތޮއްޑޫ ޓީމެވެ.

އިލްޝާ އއ. އަތޮޅު ކަޕް 2012ގެ ފައިނަލުގައި ހިމަންދޫ އާއި މާޅޮސް ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ހޯމަ ދުވަހު ހަވީރު ރަސްދޫ ދަނޑުގައެ އެވެ. މިމެޗު ވީޓީވީ އިން ލައިވް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް މުބާރާތް އިންތިޒާމް ކުރާފަރާތުން މައުލޫމާތު ދީފައިވެ އެވެ.

އއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅު ބޮޑުފޮޅުދޫގައި ކުރިއަށް ގެންދިޔަ "އިލްޝާ އއ. އަތޮޅު ކަޕް2012" ފުޓްބޯޅަ މުބާރާތް ރަސްދު އަށް ބަދަލުކުރީ މި މުބާރާތުގައި ހިމަންދޫ އާއި ބޮޑުފޮޅުދޫ ބައްދަލު ކުރިމެޗުގެ ފަހު ހާފުގައި ހިނގި ހަމަނުޖެހުންތައް ހައްލު ނުކުރެވި މެޗު ހުއްޓާލަން ޖެހުމުގެ ސަބަބުން ނެވެ.