ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ހޯމް މިނިސްޓަރު މުހައްމަދު ޖަމީލު އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރުން ނަގަން ޖެހޭނީ ގައުމީ ހަރަކާތުގެ ބައިވެރިން ބިޑި އަޅުވައި ހައްޔަރު ކުރުމަށް ފަހު ކަމަށް "ރައްޔިތުންގެ ގައުމީ ހަރަކާތުން" ބުނެފި އެވެ.

ހޯމް މިނިސްޓަރު މުހައްދު ޖަމީލް އަހުމަދާއި ޑިފެންސް މިނިސްޓަރު ރިޓަޔާޑް ކާނަލް މުހަންމަދު ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް އެ ބޭފުޅުންނަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުން ފޮނުވައިފަ އެވެ.

"ރައްޔިތުންގެ މަޖިލީސް ރައްޔިތުންނަށް"މި ނަމުގައި ގައުމީ ހަރަކާތުން ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ހަރަކާތުގެ މެމްބަރު އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ ވިދާޅުވީ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ސުޕްރީމް ކޯޓަށް ގޮންހައި މަޖިލީހުގައި ނެގިދާނެ ކަމަށް ހީކުރާ ނަމަ އެއީ ކުށްހީއެއްް ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެއަށް ވުރެ ބޮޑު ކުށްހީއެއް ބަޔަކަށް ދުވަހަކު ވެސް ނުކުރެވޭނެ ކަމަށެވެ.

އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ބޮޑެތި ޖިނާއީ ކުށްތައް ކޮށްގެން ތިބި މީހުން އެބަތިބި ކަމަށާއި އެ މީހުން ނެރެ ރައްޔިތުންގެ މަޖިލީސް ތޯހިރު ކުރުމުގެ މަސައްކަތް ގައުމީ ހަރަކާތުން ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީސް މެމްބަރުންގެ ސުލޫކީ މިންގަނޑެއް ނެތި މަޖިލީސް ކުރިއަށް ނުގެންދެވޭނެ ކަމަށާއި މަޖިލީހުގެ މެމްބަރުން ވަކިކުރެވޭނެ ގޮތެއް ރައްޔިތުންނަށް ދައްކުވައިދޭން ޖެހޭނެ ކަމަށެވެ.

"ޔޫރިން ނުދިނުމަކީ ގާނޫނުގައި ކުށެއް. އެކުށް ކޮށްގެންތިބި މީހުން މަޖިލީސް ތެރޭ ފިލައި އެބަތިބި. ޓެކްސް ނުދައްކާ ބަޔަކު އެތާ އެތެރޭ ފިލައި އެބަތިބި. ދަރަނި އަދާނުކުރާ މީހުން ދައުލަތުގެ މާލިއްޔާ ހިންގަން އެބަތިބި. ފުލުސް އޮފީހުގައި ހުޅުޖަހައި ޕެޓްރޯލް ޖަހައި ތަންތަން ރޯކޮށްފައި ތިބި މީހުން މަޖިލީހުގައި އެބަތިބި. ފަނޑިޔާރުގެތަކުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރި މީހުން މަޖިލީހުގައި އެބަތިބި. އެ މީހުން ބައިތިއްބައިގެން މަޖިލީސް ކުރިއަށް ގެންދާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" އައްބާސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރު ކުރުމަށް މަޖިލީހުން ފާސްކޮށްފައި ވާތީ އެކަމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ސިއްރު ވޯޓެއް ނުނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ސުޕްރިމް ކޯޓުން އެގޮތަށް އަމުރުކޮށްފައި ވަނިކޮށް ދެ ވަޒީރުންނަށް ނޯޓިސް ފޮނުވާފައި ވަނީ މަޖިލީސްގެ ރައީސް އަބްދުﷲ ޝާހިދު ސުޕްރިމް ކޯޓަށް ގޮންޖައްސަވާފައި ކަމަށް ވެސް ގައުމީ ހަރަކާތުން ވަނީ ބުނެ އެވެ.