ފެން ބޮޑުވުމުގެ ސަބަބުން ހާލުގައިޖެހިފައިވާ މީހުންގެ ހާލަތު ބަލައި، އެންމެ އަދުލުވެރި ގޮތުގައި އެހީ ފޯރުކޮށްދެވޭނެ ގޮތެއް ހޯދުމަށް ޕީކޭ ރިލީފް ފަންޑުގެ ޓީމެއް ޕާކިސްތާނަށް ދާގޮތަށް ހަމަޖައްސައިފި އެވެ.


ޕީކޭ ރިލީފް ފަންޑުގެ ކޯޑިނޭޓާ އަބްދުﷲ މުހައްމަދު ވިދާޅުވީ، މަދަނީ ޖަމިއްޔާތަކާއި، ސިޔާސީ ޕާޓީތަކުގެ އިތުރުން އަމިއްލަ ފަރާތްތައް ގުޅިގެން އުފައްދާފައިވާ ޕާކިސްތާން ރިލީފް ފަންޑަށް މިހާތަނަށް 3.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެ ފައިސާ ޕާކިސްތާނަށް ހަދިޔާކުރުމަށްޓަކައި އަދި ވަކި ގޮތެއް ހަމަޖެހިފައިނުވާ ކަމަށާއި ރޭ ބޭއްވި ޕީކޭ ފަންޑު ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ، އެހީދޭނެ އެންމެ އަދުލުވެރިގޮތެއް ބެލުމަށްޓަކައި ޕާކިސްތާނަށް ޓީމެއް ފޮނުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"އަޅުގަނޑުމެން ކޮމިޓީން ނިންމީ އަމިއްލަ ފަރާތްތަކުން ސީދާ މައިދާނަށް ގޮސް، އެތަނަށް އެންމެ ބޮޑަށް ބޭނުންވަނީ ކޯޗެއްތޯ ބަލައި، އެހީ ފޯރުކޮށްދެވޭނެ އެންމެ އަދުލުވެރި ގޮތަކީ ކޮބައިތޯ ބެލުން. އެހެންވެ އެންމެ ބޮޑަށް [ހާލުގައި ޖެހިފައިވާ ރައްޔިތުން] ބޭނުންވަނީ ތަކެތިތޯ ނުވަތަ ފައިސާތޯ އަޅުގަނޑުމެން ބަލާނަން" އަބްދުﷲ ވިދާޅުވި އެވެ.


އަބްދުﷲ ވިދާޅުވި ގޮތުގައި، ފަންޑުގެ ޓީމު މި ހަފްތާ ތެރޭ ޕާކިސްތާނަށް ފުރާނެ އެވެ. އަދި އެ ދަތުރުގެ ޚަރަދުތައް ކުރާނީ އަމިއްލަ ފަރާތްތަކުން ދޭ ދީލަތި އެހީގެ ޒަރިއްޔާއިން ކަމަށާއި ފަންޑުގެ ފައިސާ އެއްވެސް ގޮތަކަށް ބޭނުން ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އަބްދުﷲ އިތުރަށް ވިދާޅުވީ، މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕީކޭ ރިލީފް ފަންޑަށް ލިބޭ އެހީ ޕާކިސްތާނަށް ދިނުމުގައި އަމަލުކުރަންވީ ގޮތެއް ބެލުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލަފާ ހޯދައިފައިވާ ކަމަށެވެ. އަދި އެމްއެމްއޭން ލަފާ ދީފައިވަނީ، ބައިބަޔަށް ބަހައިލައިގެން އެ ފައިސާ ހަދިޔާ ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ކުރިއަށް އޮތީ ހައްޖު މޫސުމާއި ސްކޫލް ބަންދު ކަމަށްވާތީ، އެއްފަހަރާ ގިނަ އަދަދެއްގެ ޑޮލަރު ބޭރުވުމަކީ، ޑޮލަރުގެ ބާޒާރަށް ލޮޅުމެއް އަރާނެ ކަމެއް ކަމަށް އެމްއެމްއޭން ބުނަނީ. އެހެންވެ، އެއްފަހަރާ ފައިސާ ދިނުމުގެ ބަދަލުގައި، ބައިބަޔަށް ބަހައިލައިގެން ފައިސާ ދިނުމަށް އެމްއެމްއޭން ލަފާދޭ" އަބްދުﷲ ވިދާޅުވި އެވެ.


ނަމަވެސް، ބައިބަޔަށް ފައިސާ ދިނުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށާއި ޕާކިސްތާނަށް އެހީދޭނެ ވަކި ގޮތެއް ނިންމާއިރު، އެމްއެމްއޭގެ ލަފާ އަށް ވަރަށް ބޮޑަށް ރިއާޔަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އެހެނިހެން ފަރާތްތަކުން ފައިސާ ޖަމާކުރަމުންދާ ހަބީބް ބޭންކުގެ އެކައުންޓަށް ޕީކޭ ރިލީފް ފަންޑުން ފައިސާ ޖަމާނުކުރަނީ ކީއްވެގެންތޯ ދެންނެވުމުން އަބްދުﷲ ވިދާޅުވީ، އެބޭފުޅުން އަމަލުކުރައްވަނީ "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސަސްއާ އެއްގޮތަށް" ކަމަށެވެ. އަދި ކުރިން ގާޒާއަށް ވެސް އެހީފޯރުކޮށްދީފައިވާ ކަމަށާއި އެބޭފުޅުންގެ ޓީމަކީ މިފަދަ ކަންކަމުގައި ތަޖުރިބާ ލިބިފައިވާ ޓީމެއް ކަމުން، އަމަލީ މައިދާނަށް ގޮސް، އެތަނުގެ ހާލަތު ބެލުމަށްފަހު، އެހީ ދިނުމުގެ ކަންތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެއްސީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.