ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައްޕާފުޅު އަބްދުއްސައްތާރު އުމަރުގެ އޮޕަރޭޝަނަކަށް ބެންކޮކަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއާޕޯޓަށް ވަޑައިގެންނެވުމުން، އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހެއްޓުނީ ޓެކްނިކަލް މައްސަލައަކުން ކަމަށް އިމިގްރޭޝަނުން ބުނި ނަމަވެސް، އެމަނިކުފާނު ދެން ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާނީ ރަސްމީކޮށް އެކަން އެންގުވުމުން ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލް މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ސަންއަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ދީދީ މިއަދު ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ އިން ބޭރަށް ފުރައިވަޑައިގަތުމުގެ ހުއްދަ ދިނުމުގެ އަމުރު ހުޅުމާލޭ ކޯޓުން ނެރެފައިވަނިކޮށް، އެއަށް ބަލާލުމެއް ނެތި އެމަނިކުފާނުގެ ފާސްޕޯޓް އިއްޔެ ހިފެއްޓި ސަބަބު ރައީސް ނަޝީދުގެ އޮފީހަށް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ރާއްޖެ އިން ބޭރަށް ވަޑައިގެންނެވުމަށް ރައީސް ނަޝީދު އަނެއްކާ ވެސް ހުޅުލެއަށް ވަޑައިގަތުމުން އެ މައްސަލަ ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އިމިގްރޭޝަނުން ދެއްވަން ޖެހޭނެ ކަމަށް މާރިޔާ ދީދީ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ފުރައިވަޑައިނުގެންނެވުނީ އިމިގްރޭޝަންގެ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އެމަނިކުފާނަށް އެކަން ރަސްމީކޮށް ސިޓީއަކުން އަންގަން ޖެހޭނެ ކަމަށެވެ.

"ފުރައިވަޑައިގަތުމަކީ އެމަނިކުފާނުގެ ކަމެއް. އެކަމަކު ފުރައިވަޑައިގެންނެވޭނީ އަންނަންޖެހޭ އޮފިޝަލް ޗެނަލްސްތަކުން އެ އޮފިޝަލް ކޮމިއުނިކޭޝަންތައް އައިމާ. ރައީސް ނަޝީދުގެ އޮފީހުން ބުނަން އޮތް އެއްޗަކީ އެފަދަ އެއްވެސް ލިޔުމެއް އައިސްފައެއް ނެތޭ،" މާރިޔާ ދީދީ ވިދާޅުވި އެވެ.

ރައީސް ނަޝީދު ރާއްޖެ އިން ބޭރަށް ފުރައިވަޑައިގަތުމުގެ ހުއްދު ދިނުމަށް ހުޅުމާލޭ ކޯޓުން މިދިޔަ އަންގާރަ ދުވަހު ނެރުނު އަމަރާ ގުޅިގެން، ބުދަ ދުވަހުގެ މެންދުރު ފަހު 1:30ގައި އެމަނިކުފާނުގެ ފާސްޕޯޓް ރިލީޒްކޮށް، ސިސްޓަމަށް އެންޓާ ކުރި ކަމަށް އިމިގްރޭޝަނުން ބުނި ނަމަވެސް މައްސަލަ ދިމާވާންވި ސަބަބުގެ ތަފްސީލް ހާމަކޮށްފައެއްނުވެ އެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އައްދުﷲ މުހައްމަދު ހައްޔަރު ކުރެއްވި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލާފައި ވަނިކޮށް، ކޯޓްގެ ހުއްދައާ އެކު މީގެ ކުރިން ވެސް ނަޝީދު ވަނީ ރާއްޖެ އިން ބޭރަށް ދަތުރުކުރައްވައިފަ އެވެ.

ނަޝީދުގެ ބައްޕާފުޅުގެ އޮޕަރޭޝަނަކަށް ރައީސް ނަޝީދު ބެންކޮކަށް ފުރާވަޑައިގަންނަވަނީ އޮޕަރޭޝަން ކުރެއްވުމަށްޓަކައި ހޭނެތްތެވުމުގެ ކުރިން "ބައްޕާފުޅުގެ މޫނުދެކެވަޑައިގަތުމަށް" ކަމަށް ނަޝީދުގެ އަރިސްބޭފުޅަކު ވިދާޅުވި އެވެ. އަދި ނަޝީދުގެ ބައްޕާފުޅުގެ އޮޕަރޭޝަނަކީ ސީރިއަަސް އޮޕަރޭޝަނެއް ކަމަށާއި އިއްޔެ ވަނީ އެ އޮޕަރޭޝަން ކޮށްފަ އެވެ. ނަމަވެސް އަދިވެސް ހޭނާރާ ކަމަށް ނަޝީދުގެ އަރިސް ބޭފުޅަކު ސަން އަށް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ބައްޕާފުޅު އަބްދުއްސައްތާރު އުމަރަކީ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އަގުހުރި ހިދުމަތްތަކެއް ކުރައްވައި ރައީސް މައުމޫން ކްރިކެޓް ކުޅުއްވެވި އިރު، އެމަނިކުފާނުގެ ވިކެޓް ކީޕަރުކަން ވެސް އެތައް ފަހަރަކު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކްރިކެޓް ކޮންޓްރޯލް ބޯޑަށް އަމިއްލަ ހަރަދުތަކެއް ކުރައްވައި ކުޅިވަރުގެ ދާއިރާގައި އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.