ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާދޭ ގޮތް ބަދަލުކުރުމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ރައްޔިތުންގެ މަޖިލީހަށް އަނެއްކާ ވެސް ލަފާ އަރުއްވައިފި އެވެ.

މިދިޔަ އަހަރުގެ ބަޖެޓް އެކުލަވާލަމުން ދިޔަ އިރު ވެސް އޮޑިޓް އޮފީހުން ބަޖެޓާ ގުޅޭ ގޮތުން ފޮނުވި ލަފާގައި ސިޔާސީ ޕާޓީތަކަށް ފައިސާދޭ ގޮތް ބަދަލުކުރުމަށް ވަނީ ލަފާއަރުއްވައިފަ އެވެ. ނަމަވެސް އެ ފަހަރު ވެސް އެކަމަށް މަޖިލީހުން އިސްލާހެއް ގެނެސްފައެއްނުވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ 16.9 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހަފްތާ ފޮނުއްވި ލަފާގައި ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުމަތިން ދައުލަތުގެ ޖުމްލަ ބަޖެޓްގެ 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދިނުމަކީ ޑެފިސިޓް ބަޖެޓެއް ކުރިއަށް ގެންދާ އިރު ރަނގަޅު އުސޫލެއް ނޫން ކަމަށެވެ. އަދި އެ އުސޫލުގެ ސަބަބުން ޑެފިސިޓް އިތުރަށް ބޮޑުވެ އެކަމުގެ ބުރަ ބަޖެޓަށް ބޮޑުވާނެ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވައިފަ އެވެ.

"ޖުމްލަ ބަޖެޓްގެ ހަރަދުގެ ވަކި އިންސަންތައެއް ސިޔާސީ ޕާޓީތަކަށް ދިނުމަކީ އޭގެ އަސްލަށް ބަލާ އިރު ސިޔާސީ ޕާޓީތަކަށް ދެއްވާ ފައިސާގެ ބައެއް ދައުލަތުން ދަރަންޏަށް ނަގައިގެން ދެއްވުންކަމަށް ވާތީ އެ އުސޫލުގެ ދަށުން އެކަން ކުރައްވާ ނަމަ ދައުލަތުގެ ޑެފިސިޓް އިތުރަށް ބޮޑުވެގެންދާނެ،" އޮޑިޓާ ޖެނެރަލްގެ ލަފާގައިވެ އެވެ.

އަދި ސިޔާސީ ޕާޓީތަކަށް ފައިސާ ދޭންވާނީ ލޯނުގެ ގޮތުގައި ދައުލަތަށް އަހަރަކު ލިބޭ ފައިސާ ނުލައި ދައުލަތުގެ ޖުމްލަ އާމްދަނީގެ ތެރެއިން ކަމަށާއި އެ އަދަދުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ވަކި އިންސައްތައެއް ހާއްސަ ކުރެވިދާނެ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.

ސިޔާސީ ޕާޓީތަކަށް މި އަހަރުގެ ބަޖެޓުގައި ވެސް 15.2 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު މިދިޔަ އަހަރު ބަޖެޓްކޮށްފައި ވަނީ 11 މިލިއަން ރުފިޔާ އެވެ. އެއީ މިއަހަރު ބަޖެޓް ކޮށްފައިވާ އަދަދަށް ވުރެ4.1 މިލިއަން ރުފިޔާ އިތުރު، 37 ޕަސެންޓް އިތުރު އަދަދެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިހާރު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ސިޔާސީ ޕާޓީތަކުގެ ބިލްގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބޭނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ޕާޓީތަކަށް ފައިސާ ދޫކުރަނީ ކޮންމެ އަހަރަކު ވެސް އެ ޕާޓީގެ އޮޑިޓް ރިޕޯޓް ކޮމިޝަނަށް ހުށަހެޅުމުން ކަމަށާއި ފައިސާ ދޫކުރުމުގައި ގެންގުޅޭ އުސޫލަކީ، ރަޖިސްޓްރީކޮށްފައި ޕާޓީތަކުގެ ތެރެއިން 40 ޕަސެންޓް ހުރިހާ ޕާޓީއަކަށް އެއްވަރަކަށް އަދި އަނެއް 60 ޕަސެންޓް ޕާޓީތަކުގައި މެންބަރުން ތިބި އަދަދަށް ބަހާލައިގެން ކަމަށެވެ.

ރާއްޖޭގައި 16 ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އޭގެ ތެރެއިން ހަ ޕާޓީއެއް ފިޔަވައި އެހެން ޕާޓީތަކުގައި ޕާޓީއެއް ރަޖިސްޓްރީ ކުރެވޭ އަދަދު ކަމަށްވާ 3000 މެންބަރުން ހަމައެއްނުވެ އެވެ. ތިން ހާސް މެންބަރުން ހަމަވާ ޕާޓީތަކަކީ އެމްޑީޕީ އާއި ޑީއާރުޕީ އާއި އަދާލަތު ޕާޓީ އާއި އައިޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމް އެވެ. އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ އެމްޑީޕީ އެވެ. އެ ޕާޓީގައި 48226 މެންބަރުން ތިބި ކަމަށް އިލެކްޝަންސްގެ ދަފުތަރުން ދައްކަ އެވެ.

އެންމެ ފަހުން ރަޖިސްޓްރީ ކުރި މޯލްޑިވްސް ޑިވެލޮޕަމަންޓް އެލަޔަންސް (އެމްޑީއޭ)ގެ މެންބަރުންގެ ދަފުތަރު އިލެކްޝަންސްގައި އަދި އަޕްޑޭޓްކޮށްފައެއްް ނުވެ އެވެ. ނަމަވެސް 3000 މީހުން ހަމަވެގެން އެ ޕާޓީ ވަނީ ބުރާސްފަތި ދުވަހު އިލެކްޝަންސްގައި ރަޖިސްޓްރީކޮށްދީފަ އެވެ.