22 Dec 2012, 11:19
އިންޑިއާ އަށް ދިއުމަށް ވިސާ އަށް އެދޭ ފޯމް ފުރުމަށް، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ކުރިން ދޫކުރަމުން އައި 40 ނަމްބަރުގެ ބަދަލުގައި ބޭނުންވެއްޖެ ހާލަތެއްގައި އެއަށް ވުރެ އިތުރަށް ނަމްބަރު ދޫކުރަން ނިންމައިފި އެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ މެޑިކަލް ވިސާ ހޯދަން އެ ކޮމިޝަނަށް ހިނގައްޖެ ނަމަ 40 ނަމްބަރަށް ވުރެ އިތުރަށް 12 ނޫނީ 20 ނަމްބަރު ވެސް ދޫކުރާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ބުނީ އެހެން ހެދީ ސިއްހީ ފަރުވާ ހޯދުމަށް އިންޑިއާއަށްދާ ދިވެހިންނަށް ފަސޭހަކޮށް ދިނުމަށް ކަމަށެވެ.
"އަހަރެމެން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ދިވެހިންނަށް ފަސޭހަ ކުރުމަށް. ލުއި ގޮތްތައް ހަދައިދިނުމަށް،" އިންޑިއަން އެމްބަސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ދިވެހިންނަށް ކަންތައްތައް ފަސޭހަކޮށްދިނުމަށް އިންޑިއާ ހައިކޮމިޝަނުން މަސައްކަތް ކުރި ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންނަށް ރާއްޖޭގެ އިދާރާތަކުން ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ނާންނަ ކަމަށެވެ.
"އަހަރެމެން އަބަދުވެސް މަސައްކަތް ކުރަނީ، އަދި މަސައްކަތް ކުރަމުން އައީ ވެސް ދިވެހިންނަށް ކަންތައްތައް ފަސޭހަކޮށްދިނުމަށް. އެކަމަކު އިންޑިއާގެ ރައްޔިތުންނަށް މިތާ ދިމާމާ މައްސަލަތައް ވަނީ ހައްލު ނުވެ، އަޅާ ނުލެވި ދޫކޮށްލެވިފައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަހަރުގެ ތެރޭގައި 50 އަށް ވުރެ ގިނަ އިންޑިއާ މީހުން ރާްއްޖެ އިން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.
އިންޑިއާގެ ރައްޔިތުންނަށް ރާއްޖޭގައި ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި ނޫންތޯ ދެންނެވުމުން އޭނާ ވިދާޅުވީ މަސައްކަތް ކުރާ ކަމަށް އަބަދު ވެސް ބުނާ ކަމަށާއި އެހެން ނަމަވެސް އެއްވެސް ކަމެއް ހައްލު ނުވާ ކަމަށެވެ.
"ކަމަކަށް ފަހު ކަމެއް ހައްލުކުރާ ވާހަކަ އަބަދުވެސް ބުނަނީ، ވޭތުވެ ދިޔަ އަހަރެއްހާ ދުވަސް ތެރޭގައި އަހަރެމެން ވާނީ އިންޑިއާ ރަށްޔިތުންނަށް ހެރަސް ކުރި 400 އަށް ވުރެ ގިނަ މައްސަލަ ދިވެހި ސަރުކާރަށް ހުށަގަޅާފައި. އެއްވެސް ކަމެއް ހައްލެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޓީވީ މޯލްޑިވްސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ސައީދު ވިދާޅުވީ އިންޑިއާ އަށް ދިޔުމަށް ދިވެހީންނަށް ވިސާ ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭކަން އެނގިވަޑައިގަތުމުން ހައިކޮމިޝަނަށް ވަޑައިގެން މަޝްވަރާ ކުރައްވައި އެކަމުގައި ލުއި ގޮތްތަކެއް ހޯއްދަވާ ފައިވާ ކަމަށެވެ. އެގޮތުން ކުރިން ދޫކުރަމުން އައި 40 ނަމްބަރުގެ ބަދަލުގައި ދުވާލަކަށް 53 ނަމްބަރު ހަމަ އެކަނި މެޑިކަލް ވިސާ އަށް އެދުމަށް ފޯމް ހުށައަޅަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އެ 53 ނަމްބަރުގެ އިތުރުން އިމަޖެންސީ ކަމެއްގައި އިންޑިއާ އަށް ދާން ޖެހޭ މީހުންނަށް ވަގުތުން ވިސާ ލިބޭ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާ މީހުންނަށް ރާއްޖޭގައި ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން އޭނާ ވިދާޅުވެފައި ވަނީ އެއީ އަރާފައިވާ އޮޅުންތަކެއްގެ ސަބަބުން ކުރިމަތިވި ކަންތައްތަކެއް ކަމަށާއި އެކަންތައްތައް ސާފުކޮށް، މައްސަލަތައް ހައްލުކުރުމަށް ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިންޑިއާ ރައްޔިތުން ރާއްޖެ އިން ޑީޕޯޓް ކުރާ ވާހަކަ ދިވެހި ސަރުކާރުން ދޮގު ކުރެ އެވެ. ސަރުކާރުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ވިސާއަކާ ނުލައި ނޫނީ ވޯކްޕާމިޓް ނެތި އަންނަ މީހުން އެއާޕޯޓުުން އަނބުރާ ފޮނުވާލުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުރާ ކަމެއް ކަމަށާއި އެ ނޫން ގޮތަކަށް އިންޑިއާ މީހުން އަނބުރާ ނުފޮނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ޑީޕޯޓް ކުރުން ނޫން ކަމަށެވެ.