ރޯމް (ޑިސެމްބަރ 22): އިޓަލީގެ ބޮޑުވަޒީރު މާރިޔޯ މޮންޓީ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން މޮންޓީ ވިދާޅުވީ އިޓަލީ ސަރުކާރުގެ އަންނަ އަހަރުގެ ބަޖެޓް ޕާލަމެންޓުން ފާސްކުރުމުން މަޤާމުން އިސްތިއުފާ ދެއްވާނެކަން ކުރިން އިޢްލާންކުރައްވާފައިވާ ގޮތުގެ މަތިން މަގާމުން އިސްތިއުފާ ދެއްވީ ކަމުގަ އެވެ.

އިޓަލީގެ ޕާލަމެންޓުން އިއްޔެ ވަނީ އެގައުމުގެ ސަރުކާރުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކޮށްފަ އެވެ. ބަޖެޓް ފާސްވީ ޕާލަމެންޓްގެ މެންބަރުންގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުންނެވެ. މޮންޓީގެ ސަރުކާރުން ހުށަހެޅި ބަޖެޓް ފާސްކުރުމަށް ޕާލަމެންޓްގެ 309 މެންބަރުން ވޯޓު ދެއްވާފައިވާ އިރު އިދިކޮޅަށް ވޯޓު ދީފައި ވަނީ އެންމެ 55 މެންބަރުންނެވެ. އިޓަލީގައި ކުރިޔަށް އޮތީ އިންތިޚާބެވެ. މިއިންތިޚާބަށް ކުރިމަތިލައްވާ ނެކަން ނުވަތަ ނޫން ކަން މޮންޓީ މާދަމާ އިޢްލާން ކުރައްވާނެ ކަމަށް ޚަބަރު ލިބެ އެވެ.

މޮންޓީއާއި އޭނާގެ ސަރުކާރަކީ އިޓަލީ އަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ޙައްލުކުރުމަށް ޓަކައި މިދިޔަ އަހަރު ޚާއްސަ ގޮތަކުން ވެރިކަމަށް އިސްކުރި ޓެކްނޮކްރޭޓުންގެ ޓީމެކެވެ. މޮންޓީ އާއި އޭނާގެ ޓެކްނިކަލް ޓީމު ޚާއްސަގޮތަކަށް ވެރިކަމަށް ގެނައީ އިޓަލީގެ ޕާލަމެންޓްގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ރުހުން ލިބިގެންނެވެ. ނަމަވެސް އިޓަލީގައި ނުފޫޒުގަދަ ސިޔާސީ ބޭފުޅެއް ކަމަށްވާ ކުރީގެ ބޮޑުވަޒީރު ސިލްވިޔޯ ބާލުސްކޯނީ ދާދިފަހުން ވަނީ އަނެއްކާ ވެސް ވެރިކަން ބޭނުންފުޅުވާކަން ހާމަކުރައްވައި އޭނާގެ ޕާޓީން ޕާލަމެންޓްގައި މޮންޓީގެ ސަރުކާރަށް ކުރި ތާއީދު އަނބުރައި ގެންދެވިކަން އިޢްލާން ކުރައްވާފަ އެވެ. ބާލުސްކޯނީގެ "ފްރީޑަމް ޕީޕަލްސް" ޕާޓީގެ ތާއީދު ގެއްލުމުން މޮންޓީގެ ސަރުކާރު ދެމެހެއްޓުމަށް ބޭނުންވާ ޕާލަމެންޓްގެ އަޣްލަބިއްޔަތު ނެތުމާ އެކު މޮންޓީގެ ސަރުކާރު އިސްތިއުފާދޭން މަޖްބޫރުވީ އެވެ.

ކޮރަޕްޝަނުގެ އިތުރުން ޖިންސީ ބައެއް މައްސަލަތަކުގެ ތުހުމަތުތައް ކުރެވިފައިވާ ބާލުސްކޯނީ މިހާރު ގެންދަވަނީ އިޓަލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާލަމެންޓްރީ އިންތިޚާބަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. މުއްސަނދި މަހުޖަނެއް ކަމަށްވާ ބާލުސްކޯނީ ތިންފަހަރެއްގެ މަތިން އިޓަލީގެ ބޮޑުވަޒީރުކަން ކުރައްވާފައިވެ އެވެ.

ސިޔާސީ ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި އިޓަލީގެ ޕާލަމެންޓުން އެ ގައުމުގެ ބަޖެޓް މިހާރު ފާސްކޮށްފައި ވާތީ ޕާލަމެންޓް އުވާލައި އިންތިޚާބު ފަސްކުރުމަކީ އެގައުމުގެ ރައީސް ޖޯޖިޔޯ ނަބޮލިޓާނޯ އަށް ކުރެއްވިދާނެ ކަމެކެވެ. ނަމަވެސް މިފަދަ ނިންމުމެއް ރައީސް ނިންމަވާފާނެކަމުގެ އެއްވެސް އިޝާރާތެއް އަދި ލިބިފައެއް ނުވެ އެވެ. ސަރުކާރު އިސްތިއުފާ ދީދި ޙާލަތެއްގައި 70 ދުވަހުގެ ތެރޭގައި އަލުން ޕާލަމެންޓްރީ އިންތިޚާބެއް ބާއްވައި އައު ޕާލަމެންޓެއް ހޮވަންވާނެ ކަމަށް އިޓަލީގެ ޤާނޫނު އަސާސީ ބުނެ އެވެ. އެހެންކަމުން އިޓަލީގައި އިންތިޚާބު އޮންނާނެ ކަމަށް ބެލެވިފައި ވަނީ 2013 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. (ބީ.ބީ.ސީ)