22 Dec 2012, 10:34
"ނީލަމް" ތޫފާންގެ ސަބަބުން ރާއްޖެ އަށް ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން ތައިލެންޑްގެ ސަރުކާރުން ރާއްޖެ އަށް 10000 (154،200ރ.) ޑޮލަރުގެ އެހީއެއްދީފި އެވެ.
މިދިޔަ ބުދަ ދުވަހު ދިން އެ އެހީ ދިވެހި ސަރުކާރާ ހަވާލުކޮށް ދެއްވާފައި ވަނީ ތައިލެންޑުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޕޮލްޑެޖް ވޮޗަޓް އެވެ. އަދި ރާއްޖޭގެ ފަރާތުން އެ އެހީއާ ހަވާލުވެވަޑައިގަތީ ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ހުސެއިން ޝިހާބެވެ.
އެ ބައްދަލުކުރެއްވުމުގައި ތައިލެންޑް އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޕޮލްޑެޖް ވޮޗަޓް ވިދާޅުވީ ރާއްޖެ އާއި ތައިލެންޑަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި އެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް ހޯއްދަވަމުން ގެންދަވާ ކަމަށެވެ. އަދި ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޝިހާބް ވިދާޅުވީ ތައިލެންޑާއި ރާއްޖެއާ އޮންނަ ގުޅުން ބަދަހިކުރުމަށް ރާއްޖެ އިން މަސައްކަތްކުރައްވާ ކަމަށެވެ. އަދި ތައިލެންޑުން ދެއްވި އެހީ އަށް ޝުކުރު އަދާކުރެއްވި އެވެ.
މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ނީލަމް ތޫފާނުގެ އަސަރު ރާއްޖޭގެ ސަރަހައްދުތަކަށް ފޯރާ ދެކުނާއި އުތުރާއި އަދި މެދު ރާއްޖެ ތެރޭގެ ރަށްތަކުގައި ފެންބޮޑުވެ، ބޮޑަތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ހޯރަފުށީގައި ފެންބޮޑުވެ 600 އެއްހާ މީހުންނަށް ވަނީ އޭގެ އަސަރުކޮށްފަ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ދަނޑުބިންތައް ހަލާކުވެ ދަނޑުވެރިންނަށް ވަނީ އެކި ވަރުގެ ގެއްލުންވެފަ އެވެ. އަދި ކަނޑުމަތީގެ އެކި ހާދިސާތައް ވެސް ވަނީ ހިނގައިފަ އެވެ.