ވޮޝިންޓަން (ޑިސެމްބަރ 22): އެމެރިކާގެ ޚާރިޖީ ވަޒީރު ކަމުގެ މަޤާމަށް ސެނެޓާ ޖޯން ކެރީ ޢައްޔަން ކުރެއްވުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ނިންމަވައިފި އެވެ.

މިކަން ހާމަކުރައްވަމުން ވައިޓް ހައުސްގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ "އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް ޖޯން ކެރީ ޢައްޔަން ކުރެއްވި ކަމުގެ އަމުރެއް މިއަދުގެ ވަގުތެއްގައި ރައީސް ބަރަކް އޮބާމާ ނެރުއްވާނެ" ކަމުގަ އެވެ. އެމެރިކާގެ މިހާރުގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާކަން އިޢްލާން ކުރައްވާފައިވާތީ އޮބާމާ އެ މަގާމަށް ޢައްޔަން ކުރައްވާނީ އދ.ގައި ހުންނަވާ އެމެރިކާގެ މަންދޫބާ ސޫޒާން ރައިސް ކަމަށް ކުރިން ވަނީ ބެލެވިފަ އެވެ. ނަމަވެސް ބައެއް ސަބަބުތަކާ ގުޅިގެން ސޫޒާން މިމަޤާމަށް ޢައްޔަން ކުރުމާ ދެކޮޅުހަދާނެކަން ސެނެޓްގައި ހިމެނޭ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުން ހާމަކުރައްވާފައި ވާތީ ސޫޒާން ވަނީ މަގާމް ބޭނުންނޫންކަން ހާމަކުރައްވައިފަ އެވެ.

ޖޯން ކެރީއަކީ ސެނެޓްގައި އެމެރިކާގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ތަޖްރިބާކާރު ސިޔާސީ ޝަޚްސިއްޔަތެކެވެ. ޚާރިޖީ ވަޒީރުކަމުގެ މަގާމަށް ޢައްޔަން ކުރެއްވުމުން ކެރީ އަށް ސެނެޓްގެ ގޮނޑި ގެއްލިވަޑައިގަންނަވާނެ އެވެ. ދެ ހާސް ހަތަރު ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްއާ ވާދަކުރައްވައިގެން ކެރީ ވަނީ ނާކާމިޔާބުވެ ވަޑައިގެންފަ އެވެ. އުމުރުން ފަސްދޮޅަސް ނުވަ އަހަރުގެ ކެރީއަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މަސާޗޫސެޓްސްގެ ގަވަރުނަރުކަން ވެސް ދިގުމުއްދަތަކަށް ކުރައްވާފައިވާ ބޭފުޅެކެވެ.
އެމެރިކާގެ ސަރުކާރުގެ އެންމެ އިސްމަގާމްތަކަށް ޢައްޔަންކުރައްވާ ކޮންމެ ބޭފުޅަކަށް ވެސް އެމަގާމުގައި ދެމިހުންނެވޭނީ ސެނެޓްގެ ރުހުން ލިބިވަޑައިގަނެގެންނެވެ. ސެނެޓްގައި ޑިމޮކްރޭޓުންނަށް ސިމްޕަލް މެޖޯރިޓީއެއް އޮންނަ އިރު އެމަޖިލީހުގައި ހިމެނޭ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ފަރާތުން ވެސް ކެރީއަށް ހުރަހެއް ކުރިމަތިނުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
(ނޫސްއެޖެންސީތައް)