22 Dec 2012, 10:15
އިންޑިއާގެ ޖީއެމްއާރު އިންފްރާ ސްޓްރަކްޗާއާއި މެލޭޝިއާގެ މެލޭޝިއަން އެއާޕޯޓްސް ބަރުހާދު ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމް އަށް ރާއްޖޭގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމަށް ވެފައި އޮތް އެއްބަސްވުން ރާއްޖޭން އުވާލުމުގެ ފަހަތުގައި ސިޔާސީ ސަބަބެއް އޮތަސް، އެސަބަބަކީ ދެ ގައުމުގެ ދެމެދުގައިވާ އަގުހުރި ގުޅުމަށް އޭގެ އަސަރު ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
"އެކަންތައްތައް [ސިޔާސީ ސަބަބުތައް] ހިފެހެއްޓި، އެއީ ދެގައުމުގެ ދެމެދުގައިވާ ވަރަށް މުހިއްމު ގުޅުމަށް އަސަރު ނުކުރާ ގޮތެއްވާން އަހަރެމެން އެދެނީ. ރާއްޖެއާ އެކު އަހަރެމެން އޮތީ ވަރަށް ރަނގަޅު ގުޅުމެއް،" އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ހޫރުޝީދު ވިދާޅުވި ކަމަށް ވޯލްސްޓްރީޓް ޖާނަލްގައިވެ އެވެ.
ނަމަވެސް އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަލްމާން ވިދާޅުވި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނީ އާސިއާން ސަމިޓްގައި ބައިވެރިވަޑައިގެންނެވުމަށް މިހާރު އެގައުމަށް ވަޑައިގެން އުޅުއްވާ މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ އެކު ޖީއެމްއާރު މައްސަލައިގާ މަޝްވަރާކުރެއްވި ކަމަށެވެ.
"އެމައްސަލައިގެ ވާހަކަ [ނަޖީބު ރައްޒާގަށް] ދަންނަވާފައި ވާނެ، އަޅުގަނޑު ނުދަންނަވާނަން އެންމެ ތަފުސީލުކޮށް އެމައްސަލައިގާ މަޝްވަރާ ކުރެވުނެކޭ،" ސަލްމާން ވިދާޅުވި ކަމަށް އިންޑިއާގެ "ދަ ހިންދޫ" ނޫހުގައިވެ އެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ ކޮންޓްރެކްޓް އުވާލި މައްސަލައިގެ ހިތްހަމަނުޖެހުން އިންޑިއާއާ އެކު މެލޭޝިއާ އިން ވެސް ހިއްސާކުރާ ކަމަށެވެ.
ޖީއެމްއާރު އަތުން އެއާޕޯޓް އަތުލި މައްސަލައިގާ އިންޑިއާ އިން ކުރިން ބުނަމުން ގެންގޮސްފައި ވަނީ އެކަން ހިނގައި ދިޔަ ގޮތާ މެދު ކަންބޮޑުވާ ކަމަށާއި އޭގެ ސަބަބުން ދެގައުމުގެ ގުޅުމަށް އަސަރުތަކެއް ކުރާނެ ކަމަށެވެ.