ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ރައުންޑުގައި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ސުޕެއިންގެ ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުގައި މެންޗެސްޓާ ކޮޅަށް ގޯލެއް ޖެހުނު ކަމުގައި ވިޔަސް، އެހެން ޓީމުތަކުގެ ގޯލަށް ލަނޑު ޖަހާފައި އުފާ ފާޅުކުރާ ގޮތަށް ޔުނައިޓެޑްގެ ގޯލަށް ލަނޑު ޖަހާފައި ފާހަގަ ނުކުރާނެ ކަމަށް ކުރީގެ ޔުނައިޓެޑްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ، 27، ބުނެފި އެވެ.

"ޔުނައިޓެޑް ކޮޅަށް ގޯލް ޖަހާފައި އަހަރެން އެކަން ފާހަގައެއް ނުކުރާނަން" ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރެއާލް މެޑްރިޑްގެ ހުނަރުވެރި ފޯވަޑް ބުނެފައި ވެ އެވެ. "މެންޗެސްޓާ ޔުނައިޓެޑަށް ޝުކުރު ހައްގުވޭ އަހަރެން ރެއާލް މެޑްރިޑަށް ކުޅޭތީ، ޔުނައިޓެޑާ ނުލާ އަހަރެން މިއަދު މިހިރަ ހިސާބަކަށް ނާދެވުނީސް،" ރޮނާލްޑޯ އިތުރަށް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގައި ޔުނައިޓެޑާއި ރެއާލް ބައްދަލުކުރަން ޖެހުމުން 2009 ވަނަ އަހަރުގެ ޖޫންމަހު 80 މިލިއަން ޕައުންޑަށް މެންޗެސްޓާ އިން މެޑްރިޑަށް ބަދަލުވި ޕޯޗްގީޒްގެ ހުނަރުވެރި ފޯވަޑް ފުރަތަމަ ފަހަރަށް އެނބުރި ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑް އަށް ކުރާ ޒިޔާރަތަށް ވެގެން ދާނެ އެވެ.

ދެ ހާސް ތިން ވަނަ އަހަރު ސްޕޯޓިން ލިޒްބަން އިން ރޮނާލްޑޯ ޔުނައިޓެޑާ ގުޅުމަށް ފަހު އޭނާ ވަނީ އެޓީމަށް ޕްރިމިއާ ލީގު ތިން ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު، އެފްއޭ ކަޕް އެއްފަހަރު އަދި ލީގު ކަޕު ދެފަހަރު ހޯދުމުގައި އެހީތެރިވެ ދީފަ އެވެ.

ރޮނާލްޑޯ ބުނާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗާއި އެޓީމުގެ ކުޅުންތެރިން މަތިން މިހާރުވެސް އޭނާ ވަރަށް ބޮޑަށް ހަނދާން ވެ އެވެ. އަދި ދުރުގައި ހުއްޓަސް އެ މީހުންނާ ގާތް ގުޅުމެއް އަބަދުވެސް ބާއަވަ އެވެ.

"އަހަރެން ޔުނައިޓެޑްގެ ކޯޗާ މިހާރު ވެސް ވާހަކަ ދައްކަށް. އެމީހުން މަތިން ވަރަށް ހަނދާންވޭ" ރޮނާލްޑޯ ބުންޏެވެ. "އަހަރެން އެތާނގާއި އުޅުނީ ވަރަށް ހިތްހަމަޖެހިގެން، ހީވަނީ ހަމަ އާއިލާ އާއި އެކު އުޅެވުނުހެން. އަހަރެން އެމީހުންނާ އެކީ ހޭދަކުރި ހަ އަހަރު ދުވަހަކީ ހިތުން ފިލައިގެން ދާނެ ދުވަސްތަކެއް ނޫން" ރެއާލް މެޑްރިޑްގެ ފޯވަޑް ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗު ސަރ އެލެކްސް ފާގުސަން ބުނެފައި ވަނީ ރޮނާލްޑޯގެ އެނބުރި އައުމަކީ އޭނާ ވަރަށް އުންމީދު ކުރާ ކަމެއް ކަމަށާއި އަދި އެއީ ދާއިމީ ގޮތަކަށް ރޮނާލްޑޯ އޯލްޑް ޓްރަފޮޑަށް ގެނައުން ކަމަށެވެ.

"އަހަރެން ވަރަށް ދެކެން ބޭނުންވާ ދުވަހެއް އޭނާ (ރޮނާލްޑޯ) މިތަނަށް އަންނަ ދުވަސް އެއީ. އެކަމަކު ފުރަތަމަ ބަލަންވީ ކިހާވަރަކަށްތޯ އޭނަ ގެނެވޭނީ. އަދި ރެއާލްއިން އިން އޭނާ ވިއްކާނެ ހެނެއް ހިޔެއްވެސް ނުވޭ. މީދެން ވަރަށް ހުވަފެނީ ވިސްނުމެއް." ޔުނައިޓެޑްގެ ކާމިޔާބު ކޯޗު ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުގެ ފުރަތަމަ ލެގުގެ ކުޅުން އޮންނާނީ ފެބުރުއަރީ 13 ވަނަ ދުވަހު ރެއާލް މެޑްރިޑް ދަނޑުގަ އެވެ. އަދި ދެވަނަ ލެގު ކުޅޭނީ ފަހެއް މާޗުގައި މެންޗެސްޓާ ދަނޑުގަ އެވެ.