ގަމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ވިޔަފާރި އުސޫލުން ތަރައްގީކޮށް ހިންގުމާ ބެހޭ ޕްރޮޕޯސަލެއް ހުށަހެޅުމަށް ސަރުކާރުން ހަވާލުކުރި ދުބާއީގެ ސުޕްރީމް ގްލޯބަލް ސާވިސް އިން އެގްރީމަންޓަށް އިހުތިރާމްކޮށްފައި ނުވާތީ އެ ފަރާތަށް ނޯޓިސްދީފި އެވެ.


އެކޮނޮމިކް މިނިސްޓަރު މަހަމޫދު ރާޒީ މިއަދު ވިދާޅުވީ އެ ފަރާތަށް މީގެ "ހަފުތާއެއް ދެ ހަފުތާ ދުވަސް ކުރިން ނޯޓިސް ފޮނުވައިފައި"ވާ ކަމަށާއި ގާނޫނީ ގޮތުން އެގްރީމަންޓް ނިމުމަކަށް ގެނައުމުގެ ކަންތައްތައް މިހާރު ކުރައްވަމުން އަންނަ ކަމަށެވެ.


"ދެން ލީގަލީ އެކަން ކްލޯސް[ބަންދު] ކުރުމާ ބެހޭ ގޮތުން ކުރަން ޖެހޭ ކަންތައްތައް މިހާރު މި ބަލަނީ،" އެކޮނަމިކް މިނިސްޓަރު ވިދާޅުވި އެވެ.


ރާޒީ ވިދާޅުވީ ދުބާއީގެ ކުންފުނިން އެގްރީމަންޓަށް އިހުތިރާމް ނުކުރާ ނަމަ އެގްރީމަންޓް އުވާލުން ނޫން ގޮތެއް ސަރުކާރަށް ނޯންނާނެ ކަމަށެވެ.


އެކޮނަމިކް މިނިސްޓްރީގެ އިތުރަށް ސިވިލް އޭވިއޭޝަން މިނިސްޓްރީ ވެސް ހިންގަވާ ރާޒީ ވިދާޅުވީ ދުބާއީގެ ކުންފުންޏާ އެކު އެއްބަސްވީ، ގަން އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށް ވިޔަފާރީގެ އުސޫލުން ހިންގުމަށް ޕްރޮޕޯސަލެއް ހުށަހެޅުމަށް ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.


ގަން އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑައިރެކްޓަރު މުހަންމަދު ދީދީ މިއަދު ވިދާޅުވީ ދުބާއީގެ ކުންފުންޏާ އެކު ޖޫން މަހު އެގްރީމަންޓެއްގައި ސޮއި ކުރީ 180 ދުވަހުގެ ތެރޭގައި މާސްޓާޕްލޭނެއް ތައްޔާރުކޮށް ޕްރޮޕޯސަލެއް ހުށަހެޅުމަށް ކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ ޑިސެމްބަރަށެވެ.


ގަމުގެ ވައިގެ ބަނދަރު ވިޔަފާރީގެ އުސޫލުން ހިންގާނެ ބަޔަކު ހޯދުމަށް ސަރުކާރުން މި އަހަރު އެޕްރީލް މަހު އިއުލާން ކުރުމުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅީ ދުބާއީގެ ސުޕްރީމް ގްލޯބަލް ސާވިސަސް އިން އެކަންޏެވެ.


ރާއްޖޭގެ ބައިނަލްއަގުވާމީ ދެ ވަނަ ވައިގެ ބަނދަރު، ގަން އެއާޕޯޓްގެ އިތުރަށް، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ވިޔަފާރީގެ އުސޫލުން ތަރައްގީ ކުރުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. ސަރުކާރާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މި އަހަރު ނޮވެމްބަރު މަސް ނިމުމުގެ ކުރިން 78 މިލިއަން ޑޮލަރު [1002.3 މިލިއަން ރުފިޔާ] ސަރުކާރަށް ދައްކަން ޖެހެ އެވެ.


ޖީއެމްއާރަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް ކުއްޔަށް ދެނީ، ސަރުކާރުން ބުނި ގޮތުގައި، އެއާޕޯޓް ބޭނުންކުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނަގާ ގޮތަށެވެ. އެއީ ގާނޫނުގެ ދަށުން ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ 18 ޑޮލަރުގެ އިތުރަށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.


ޖީއެމްއާރުން 400 އާއި 600 މިލިއަން ޑޮލަރު އެއާޕޯޓް ތަރައްގީ ކުރުމަށް ހަރަދު ކުރާނެ ކަމަށް ވެސް ޖީއެމްއާރުން ވަނީ ބުނެފަ އެވެ.