ކަނޑުމަތީގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ގއ. ވިލިނގިލީގައި، އެމްއެންޑީއެފް ސަދަން އޭރިއާ އިން އިއްޔެ ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ވިލިނގިލީ ކައުންސިލް އިދާރާ އިން ހަމަޖައްސަވާ ތަރުތީބެއްގެ ދަށުން އިއްޔެ ވަނީ ގއ. ވިލިނގިލީގެ "ފަހިމަގު 303" ދޯނީގެ 22 ފަޅުވެރިންނަށް ކަނޑުމަތީގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާ ބެހޭ ޕްރޮގްރާމެއް ހިންގާފައި ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް އިސްކަންދަރު ލޯންޗްގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ސަދަން އޭރިއާ ސްކޮޑްރަންގެ ފަރާތުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ދޯންޏެއްގެ ބަދިގޭގައި އަލިފާން ރޯވެއްޖެ ނަމަ، މަސައްކަތް ކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ އިތުރުން ޢަމަލީ ގޮތުން ބައިވެރިން ފަރިތަކުރުންތަކެއް ބޭއްވިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ޕްރޮގްރާމްގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރި ކަމާ ބެހޭ ގޮތުންނާއި އަދި ދަތުރުކުރަމުން ދާ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓިއްޖެ ޙާލަތެއްގައި ކަންތައް ކުރާނެ ގޮތާއި ކަނޑުމަތީގައި ޙާލުގައި ޖެހުމުން މަސައްކަތް ކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، ފަހިމަގު 303 ދޯނީގައި ކަނޑަށް ނުކުމެ ފަޅުވެރިން ލައްވައި ޢަމަލީ ގޮތުން މަސައްކަތް ކުރާނެ ގޮތުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.