22 Dec 2012, 08:59
ކ. ތިލަފުށީގައި މާލެ ސިޓީ ކައުންސިލް މެންބަރުންގެ އެކޮމެޑޭޝަންގެ ގޮތުގައި ބޭނުން ކުރާ ބިމެއްގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އިން ޕޮލިސް ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ފެށުމުން އެ ދެ މުއައްސަސާމެދުގައި ބޮޑު ހަމަނުޖެހުންތަކެއް އުފެދިއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު އަބުދުލްކަރީމް (ރުކުމާ) ވިދާޅުވީ ޓީސީއެލް އިން މަސައްކަތްކުރަނީ ފިނޭންސް މިނިސްޓްރީން އެެ މީހުންނަށް ދީފައިވާ އެ ފަރާތުގެ ބިމެއްގައި އެ ފަރާތުގެ މުއައްޒިފުން އެކޮމެޑޭޝަންނެއްގެ ގޮތުގައި ހަމަޖައްސާފައިވާ އިމާރާތް އަތުލުމަށް ކަމަށެވެ. އަދި ވިދާޅުވީ ޓީސީއެލް އިން އެ ބިމަކީ ސިޓީ ކައުންސިލްގެ ބިމެއް ނޫން ކަމަށް މިހާރު ނިންމާފައިވާ ކަމަށާއި ނަމަވެސް އެކަން ސިޓީ ކައުންސިލުން ގަބޫލް ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެން ކައިރި ހުއްދައަކަށް އެދުނު، އަޅުގަނޑުމެން މަޝްވަރާ ވެސް ކުރިން. އަޅުގަނޑުމެން މިބުނަނީ ތިޔަ ބޭފުޅުންގެ ބޯޑުން ނިންމާލަދޭށޭ ވަކި މުއްދަތެއްގެ ތެރޭގައި ހުސްކޮށްދޭނެ ކަމަށާއި އަޅުގަނޑުމެންގެ މުއައްޒިފުން ނިދާނެ ތަނެއް ހޯދައިދޭށޭ. ބުނީމާ އެ ބޯޑުން ފޮނުވީ ސިޓީގައި އޮންނަނީ ސިޓީ ކައުންސިލްގެ އެއްވެސް ތަނެއް ނުހުންނާނޭ ތިލަފުށްޓަކު. ނަމަވެސް އެ ބިމަކީ ކުރީގެ މުނިސަޕަލްޓީގެ ބިމެއް އަދި މުނިސްޕަލްޓީގެ ތަންތަން މިލިބެނީ ސިޓީ ކައުންސިލަށް،" ރުކުމާ ވިދާޅުވި އެވެ.
ރުކުމާ ވިދާޅުވީ ޓިސީއެލް އިން މިހާރު މަސައްކަތް ކުރަމުންދަނީ ތިލަފުށީގައި ހުރި ސިޓީ ކައުންސިލްގެ ބިންތައް އަތުލުމަށް ކަމަށާއި އެކަމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ސިޓީ ކައުންސިލްގެ މުއައްޒިފުން ބައިތިއްބާ އިމާރާތެއް ދިނުމާއެކު މިހާރު އަތުލުމަށް މަސައްކަތްކުރާ ބިން އަނބުރާ ދޭނެ ދުވަހެއް ވިދާޅުވުމުން ޝަކުވާއެއް ނެތި ބިން ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ވިދާޅުވީ އެ އެކޮމެޑޭޝަން އިމާރާތް ތަޅާ ހަދަމުންދާތީ އެ މަސައްކަތް ހުއްޓުވައި ދިނުމަށް އެދި ބުރާސްފަތި ދުވަހު ވަގުތީ އަމުރަކަށް އެދި ކޯޓަށް މައްސަލަ ވައްދާފައިވާނެ ކަމަށެވެ.
ތިލަފުށިގަިއ ސިޓީ ކައުންސިލްގެ ބިންތަކެއް ހުރި ކަމަށް ސިޓީ ކައުންސިލް އިން ބުނަމުން ދިޔަ ނަމަވެސް ޓީސީއެލްގެ ބަސް މުޅިން ތަފާތެވެ. ޓީސީއެލްގެ މެނޭޖިން ޑިރެކްޓާ އިލްހާމް އިދުރީސް ވިދާޅުވީ 2009 ވަނަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހުގެ ކުރީގެ ސަރުކާރުން ޓީސީއެލް އާއި ތިލަފުށީގެ ހުރިހާ ބިމެއް ހަވާލުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ސިޓީ ކައުންސިލްގެ ބިމެއް ނުހިމެނޭނެ ކަމަށެވެ. އަދި ވިދާޅުވީ ތިލަފުށިން ސިޓީ ކައުންސިލްގެ މުއައްޒިފުން ބޭއްތިއްބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރާ ކަމަށައި ހުރިހާވެސް މައްސަލައަކީ "ސިޓީ ކައުންސިލުން ބިމުގެ މިލްކުވެރިކަން ހޯދަން އުޅުން" ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލް ކުރާ ގޮތުގައި ތިލަފުށީގައި ފުލުހުން ބެއްތިއްބުމަކީ ވަރަށް މުހިންމު ކަމެއް އެހެންކަމުން ފުލުހުން ބެހެއްޓުމަށް އަޅުގަނޑުމެން އެއިމާރާތް މިތައްޔާރުކުރަނީ، އަޅުގަނޑުމެން ނިންމާފަ މި އޮތީ އެތަނުގައި ތިއްބެވި ސިޓީ ކައުންސިލްގެ މުއައްޒިފުން އާ އިމާރާތަކަށް މިމަހުގެ 25 ވަނަ ދުވަހު ބަދަލުކުރުން އަޅުގަނޑުމެން މިހާރު މިދަނީ އެމަސައްކަތް ކުރަމުން" ހަތަރު ބުރިއަށް ހަދާފައިވާ އިމާރާތުގެ މައްސަލަ ސާފް ކޮށްދެއްވަމުން ޓީސީއެލްގެ މެނޭޖިން ޑިރެކްޓާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ އެއިމާރާތް މަރާތްމާތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މިފެށޭ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު އެ އިމަރާތަށް ފުލުހުން ބަދަލުކުރެވޭނެ ކަމަށެވެ. އަދި ގާނޫނުގައި ވަރަށް ސާފުކޮށް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތީ މާލެ އާއި ވިލިނގިލީގެ އިތުރުން ހުޅުމާލެކަން ބަޔަންކޮށްފައިވާ ކަމަށާއި ތިލަފުއްޓަކީ ސިޓީ ކައުންސިލްގެ ބާރު ހިނގާތަނެއް ނޫން ކަމަށް އިލްހާމް ވިދާޅުވިއެވެ.
ސިޓީ ކައުންސިލާއި ޓީސީއެލްއާ ދެމެދު ތިލަފުށީގައި އޮންނަ ބިމެއްގެ މައްސަލަ ބޮޑުވެފައިވާއިރު ފިނޭންސް މިނިސްޓްރީން ބުނީ ތިލަފުއްޓާއި ތިލަފަޅު ޓިސީއެލް އާއި ހަވާލުކޮށްފައިވާއިރު މާލޭ ސިޓީ ކައުންސިލްގެ ބޭނުމަށް ބިންތަކެއް ފާހަގަކުރެވިފައި ވީނަމަވެސް އެބިންތަކުގެ މިލްކުވެރިކަން ސިޓީ ކައުންސިލްއަށް ދެވިފައިނުވާ ކަމަށެވެ. އަދި ދައުލަތުގެ ބިންތަކުގެ ބެލެނިވެރިއާ ހައުސިލް މިނިސްޓްރީން ބުނަނީ ތިލަފުށި ކޯޕަރޭޝަން އުފެއްދެވިއިރު ހަވާލުކުރައްވާފައިވާގޮތުން ބައެއް ބިންތަށް މާލޭ މުނިސްޕަލްޓީގެ ބޭނުމަށް ކަޑައެޅިފައި ވާކަމަށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދުގައިވާ ބިންތަކުގެ ތެރެއިން މާލޭ ސިޓީ ކައުންސިލާއި މިހާތަނަށް ހަވާލުކޮށްފައިވާ ބިންތަކުގެ ތެރޭގައި ތިލަފުށީގެ އެއްވެސް ބިމެއް ހިމެނިފައިނުވާނެ ކަމަށެވެ.