22 Dec 2012, 01:03
ރައްޔިތުންގެ މަޖިލީސް އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމުގެ ނަމުގައި ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުގެ ފަރާތުން މިރޭ ބޭއްވި އެއްވުމަކަށް ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވަޑައިގަތުމުން އޭނާ އަށް ހުރަސް އަޅައި ހަމަނުޖެހުން ހިނގައިފި އެވެ.
އަލްހާން ވިދާޅުވީ މިރޭ 11:30 އެހާކަންހާ އިރު އޭނާ އާޓިފިޝަލް ބީޗު ސަރަހައްދަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީސް އޮތީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައިކަން ހާމަކޮށް ދިނުމަށް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ގައުމީ ހަރަކާތުގެ ފަރާތުން ކުރިއަށް ގެންދާ އެއްވުމަށް އޭނާ ވަޑައިގަތުމުން އެތަނުގައި ތިބި ބަޔަކު އޭނާގެ ގަޔަށް އަރައިގަތުމަށް ފަހު އޭގެތެރެ އިން އެކަކު އޭނާގެ ގައިގައި ޖެހި ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ގައިގައި ޖެހީ ކާކުކަން ނޭނގޭ ކަމަށާއި ނަމަވެސް ފުލުހުން އެވަގުތު އެތަނުގައި ތިބި ކަމަށެވެ.
"އަޅުގަނޑުގެ ގައިގައި ޖަހައި މިކަހަލަ ކަންތައްތަކެއް ހިންގީ. އެންމެން އައިސް އަރައިގަތީމާ އަޅުގަނޑަކަށް ނޭނގުނު ކާކުކަމެއް ޖެހީ. އެކަމަކު ޖެހި. ފުލުހުން ވެސް އެވަގުތު އެތާގައި ތިބި،" އަލްހާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ބައެއް ކޮރޮޕްޓް ބޭފުޅުން ތިއްބެވި ކަމަށާއި އެފަދަ ބައެއް ބޭފުޅުންގެ މައްޗަށް ގާނޫނު ނުހިނގާ ކަމަށް ވިދާޅުވެ، އެއްވުމުގެ ބައިވެރިން އަޑު އުފުލަމުން ދިޔަ "މޮބްގެ"ތެރެ އަށް އަލްހާން ވެންނެވުމަކީ އޭނާ ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށާއި އޭނާ އެތަނަށް ވެންނެވީ ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން އޭނާ ކުރެއްވި ކަމެއް ކަމަށް އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަލްހާން އެ ސަރަހައްދަށް ވަޑައިގަތުމުން އޭނާގެ ގައިގައި އެއްވެސް މީހަކު ނުޖަހާ ކަމަށާއި އަދި މާރާމާރީ ވެސް ނުހިންގާ ކަމަށެވެ. އެކަމަކު އެ ތަނުން އޭނާ ފޮނުވާލުމުގެ ގޮތުން "ކޮއްޕާލާ"ފައި ވެދާނެ ކަމަށެވެ.
ނަމަވެސް އަލްހާން ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ގައުމީ ހަރަކާތުން ކުރިއަށް ގެންދާ ހަރަކާތް ހިންގާ ތަނަށް އޭނާ ވަޑައިގަތުމުން އޭނާ އަށް ހުރަސް އަޅައި އޭނާއާ މެދު މާރާމާރީ ހިންގުން އެއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ދިވެހި ރައްޔިތުންގެ ސިޔާދަތަށް އަރައިގަތުން ކަމަށެވެ.
"މިރޭ އަޅުގަނޑުގެ ގަޔަށް ބޮލަށް އެ އެރީ. އެ އަރައިގަނެވުނީ ދިވެހި ރައްޔިތުންގެ ސިޔާދަތަށް. އެ އަރައިގަނެވުނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް. އެހެން އަރައި ނުގަނެވޭނެ. ރައްޔިތުންގެ މަޖިލީސް އުވާލާނެކަމަށް އަންގާ އެންގުމަކީ އެއްވެސް ހާލެއްގައި ގަބޫލު ކުރެވޭނެ ކަމެއް ނޫން. ވަރަށް ސާފުކޮށް މިދަންނަވަނީ މި އިންތިޚާބާ ހަމައަށް ރައްޔިތުންގެ މަޖިލީސް ދެމި އޮންނާނެ.،" އަލްހާން ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ އޭނާ އަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރަކަށްވާ އިރު ގައުމީ ހަރަކާތުގެ ފަރާާތުން އޭނާގެ ފޮޓޯއާ ވިޑިއޯ ދެއްކުމަށް ފަހު އޭނާގެ ބޮލުގައި ތަފާތު އެކި ތުހުމަތުތަކެއް އަޅުވަމުންދާ އިރު އެކަމަށް ޖަވާބުދާރީ ވުމުގެ ފުރުސަތު އޭނާ އަށް އޮންނަން ޖެހޭނެ ކަމަށާއި "ބަޔަކު މީހުން ހަޅޭއްލަވާ ހަޅޭއްލެއްވުމަކީ" އެއީ ހަގީގަތެއް ނޫން ކަމަށެވެ.
މިރޭ ހިނގި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.