ވީޑިއޯ ހިއްސާކުރުމުގައި ބޭނުން ކުރާ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު ވެބްސައިޓް ކަމަށްވާ ޔޫޓިއުބުގެ ތާރީޚްގައި އެންމެ ގިނަ އަދަދަކަށް މީހުން ބެލި ވީޑިއޯ ލަވައިގެ ރިކޯޑް ސައުތު ކޮރެއަން ޕޮޕް ލަވައެއް ކަމުގައިވާ ގަންނަމް ސްޓައިލް ހޯދައިފި އެވެ. އަދި މަޝްހޫރު ސާޗް އިންޖިން ގޫގުލްގައި އެންމެ ގިނަ އަދަދަކަށް ސާޗު ކޮށްފައިވާ ލަވައަކީ ވެސް މިއީ އެވެ.

ޔޫޓިއުބުގެ ވެރިފަރާތް ކަމަށްވާ ގޫގުލް އިން މައުލޫމާތު ދޭ ގޮތުގައި މިލަވަ އެވްރެޖްކޮށް ހަތް މިލިޔަނާއި ދިހަ މިލިޔަނާ ދެމެދުގެ އަދަދަކަށް ޔޫޓިބުގައި ބަލާފައިވެ އެވެ. މިގޮތުން އިނގިރޭސި މިލިޓަރީ، ތައި ނޭވީ އަދި މައިން ކްރާފްޓް ގޭމާސްގެ އިތުރުން އެތައްބައެއްގެ މެދުގައި މިލަވައިގެ މަގުބޫލުކަން ވަނީ އިންތިހާ އަށް ގޮސްފަ އެވެ.

ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕާކް ޖީސަން، 34، ސްޓޭޖްމަތިން މަޝްހޫރު ނަމުން ނަމަ ޕީއެސްވައި ކިޔާފައިވާ މި ލަވަ މި އަހަރުގެ ޖުލައި މަހު ރިލީޒް ކުރި ފަހުން މިއަދުގެ މިހާތަނަށް އެއް ބިލިޔަން މީހުންނަށް ވުރެ ގިނަ މީހުން ޔޫޓިއުބުން ބަލާފައިވެ އެވެ. މި ލަވަ ރެކޯޑް ހޯދާފައި މިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާސްގެ "ބޭބީ" މިލަވައިގެ މަށްޗަށް ހުސްވި ނޮވެމްބަރު މަހު ކުރި ހޯދުމަށް ފަހު އެވެ.

ޕީއެސްވައި ޖުލައި މަހު "ގަންނަމް ސްޓައިލް" ރިލީޒް ކުރިފަހުން މިލަވަ ވަނީ ހައެއްކަ މަސްދުވަސް ތެރޭގައި ދުނިޔޭގެ އެތައް ގައުމެއްގައި އެއް ވަނަ މަގާމު ހޯދައި އަދި އިތުރު ބާރަވަރަކަށް ގައުމުގެ ޗާޓުން ވެސް ޖާގަ ހޯދާފަ އެވެ.

ސައުތު ކޮރެއާގެ ވެރިރަށް ސޯލްގެ ހަތަރު ވަނަ އަށް އެންމެ ބޮޑު އަވަށް ކަމުގައިވާ އަދި ބައިމިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ގަންނަމް-ގޫގެ ފެޝަން އިންޑަސްޓްރީގައި އުޅޭ މީހުންނަށް ޖެއްސުން ކުރާ ފާޑަކަށް ހަދާފައިވާ މިލަވަ އަށް ބޮޑު ތަރުހީބެއް ލިބިފައި ވަނީ މިލަވައިގައި ދައްކުވައިދީފައިވާ ނެށުމުގެ ފައްކާ ހުނަރުތަކުގެ ސަބަބުން ނެވެ.

ޕީއެސްވައިގެ ގަންނަމް ސްޓައިލް އަށް މިފަދަ ބޮޑު ތަރުހީބެއް ލިބިފައިވާ އިރު ނެށުމަށް ވެސް މަޝްހޫރު މިއުޒިކް ކުޅުންތެރިޔާ ވަނީ އޭނާގެ މިހުނަރުތައް އެހެން މީހުންނަށް އުނގަންނައި ދިނުމަށް ވެސް މަސައްކަތްތަކެއް ކުރަމުން ނެވެ. މީގެ ސިޔާސީ ތެރޭގައި ފަރާތްތަކާއި އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާޒްގެ އިތުރުން އދގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ވެސް ވަނީ ޕީއެސްވައިގެ ނެށުމުގެ ހަރކާތްތައް ދަސްކޮށްދިނުމަށް ޕީއެސްވައި އަށް ދައުވަތު އަރުވާފަ އެވެ.

ޕީއެސްވައި އޭނާގެ ނެށުމުގެ ހުނަރުގައި ފޮރުވިފައިވާ ސިއްރު ކިޔާދެމުން ބުނީ "ކަލޭމެން ނަށަމުންދާ އިރު ހީކޮށްލަންވީ ހަށިގަނޑުގެ ތިރީބައި އެއީ ދުއްވަމުންދާނުފެންނަ އަހެއް ގޮތަށް" ކަމަށެވެ.

ގަންނަމް ސްޓައިލްއަށް ހަމަ އެކަނި ޔޫޓިއުބުން 150،210 ޕައުންޑު ލިބޭނޭ ކަމަށް ލަފާ ކުރެވޭ އިރު، އިތުރު ފަސް މިލިޔަން ޕައުންޑު މިލަވައިގެ ސީޑި ވިއްކައިގެންނާއި އިންޓަނެޓުން ޑައުންލޯޑް ކުރާމީހުންގެ އަތުން ލިބޭނޭ ކަމަށް ބެލެވެ އެވެ.

ގަންނަމް ސްޓައިލްގެ ނުފޫޒު ވަނީ އިނގިރޭސި ސިޔާސީ މަޝްރަހުގެ މަތިފަޑިއަށްވެސް ފޯރާފަ އެވެ. ޓޯރީ ޕާޓީ ކޮންފަރެންސް ގައި ލަންޑަންގެ މޭޔަރު ބޮރިސް ޖޯންސަން ވަނީ ޕްރައިމިނިސްޓީރިއަލް ރެސިޑެންސްގައި ޕްރައިމިނިސްޓަރު ޑޭވިޑް ކެމަރަން އާއި އެކު މިލަވައަށް ޕާފޯމް ކުރެއްވި ވާހަކަ ކިޔުއްވައި ދެއްވާފަ އެވެ.

ވީޑިއޯ ލިންކް: ގަންނަމް ސްޓައިލް