ނ. ކުޑަފަރީ ޔޫތު މޫވްމަންޓްގެ ފަރާތުން ތިން އުމުރުފުރާ އަކަށް ބަހާލައިގެން ކުރިއަށް ގެންދާ ސަންޓްރަވަލްސް ކޭވައިއެމް ޗެލެންޖް ކަޕް 2012ގެ 19 އަހަރުންމަތީ އުމުރުފުރާގެ ފައިނަލް އަށް ކުޑަފަރީ އީސްޓާން މެޑްރިޑް ދަތުރުކޮށްފި އެވެ.

ކުޑަފުނަފަރު ރިސޯޓްގެ ޒިޓާލީ ޓީމާއި ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އިއްޔެ ހަވީރު ބައްދަލު ކުރި މެޗްގެ ފުރަތަމަ ހާފް ނިމުނީ ދެ ޓީމް ކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އީސްޓާން އިން ވަނީ ދެ ލަނޑު ޖަހާފަ އެވެ. މެޗްގައި އީސްޓާން އަށް ލަނޑު ޖަހައިދިނީ އެ ޓީމްގެ މުހައްމަދު މިހާދު އާއި ސަމްދޫހު މުހައްމަދު އެވެ. ސަމްދޫހު ޖެހި ލަނޑު ޖެހީ ޒިޓާލީގެ ޕެނެލްޓީ އޭރިޔާ ތެރެއިން އެޓީމް ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ލިބުނު ޕެނެލްޓީ އަކުން ނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ 23 އަހަރުންދަށުގެ ޤައުމީ ޓީމަށާއި މާޒިޔާ އަށް ވެސް ކުޅެވުން އަންނަ ކުޑަފަރިއަށް އުފަން ޒުވާން ޑިފެންޑަރު ސަމްދޫހު މުހައްމަދު އެވެ.

މި އުމުރުފުރާގައި މިއަދު ހަވީރު ކުޅެން އޮތް ސެމީ ފައިނަލްގެ ދެ ވަނަ މެޗަށް ވަންޓަޗް އެފްސީ ގަޑި އަށް ހާޒިރުނުވެވުމުގެ ސަބަބުން އެފްސީ މެރިޓު ވަނީ ފައިނަލް އަށް ދަތުރުކޮށްފަ އެވެ. މާފަރުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކުޑަފަރިއަށް ނިސްބަތް ވަންޓަޗް އެފްސީ އަށް ދަނޑަށް ހާޒިރު ނުވެވުނީ މޫސުން ގޯސްވުމުގެ ސަބަބުން މާފަރުން ކުޑަފަރިއަށް ދަތުރު ކޮށްދޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށް އެޓީމުން މައުލޫމާތު ދެއެވެ. އަދި މިމެޗްގެ ސެޑިއުލް އަށް ބަދަލެއް ނުގެނެސްދެވުނީ އެޓީމަކީ ކުޑަފަރިއަށް ނިސްބަތްވާ ޓީމަކަށް ވާތީ ކަމަށްވެސް ކޭވައިއެމް އިން މައުލޫމާތު ދެއެވެ.

މިއުމުރުފުރާގެ ފައިނަލް މެޗް ކުޅޭނީ މާދަމާ ހަވީރު 4:00 ގައެވެ.