21 Dec 2012, 23:07
އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒް ކޮށްގެން ބާއްވާ "ޔޫތު ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގައި ބައިވިރިވުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 12 ޓީމަކުން ބައިވެރިވެފައިވާ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.
ގިނަވެގެން 10 ޓީމަށް ވާދަކުރެވޭ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހުގެ 2:30ގެ ނިޔަލަށް ހަމަވި އިރު، މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށައެޅި ޓީމްތަކުގެ ތެރޭގައި ހިމެނެނީ ފަސްޓް ޑިވިޒަންގެ އަށް ޓީމާއި އަތޮޅު ތެރެއަށް ނިސްބަތްވާ ތިން ޓީމުގެ އިތުރުން، މިފަހަރުގެ ތިން ވަނޑިވިޒަންގެ ފައިނަލްގައި ކުޅުނު ކްލަބް ގްރީންސްޓްރީޓެވެ.
މުބާރާތުގައި ބައިވެރި ވުމަށް ފޯމް ހުށައެޅި ފަސްޓު ޑިވިޒަންގެ އަށް ޓީމުގެ ތެރޭގައި ހިމެނެނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ކުލަބް ވެލެންސިޔާ އާއި ވީބީ އައްޑޫ އެފްސީ އާއި ކުލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް އާއި އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަދި މާޒިޔާ އެވެ. އަތޮޅު ތެރެއިން ފޯމް ހުށަހެޅި ތިން ޓީމަކީ ބ. އޭދަފުށީ ފުޓްބޯޅަ ޓީމާއި އދ. މަހިބަދޫ ޒުވާނުންގެ ޖަމްޢިއްޔާ އަދި ހއ. ކެލާ، ކެލާ ނާޅި ސްޕޯޓްސް އެވެ.
އެފްއޭއެމް އިން ބުނީ، ޖުމްލަ 10 ޓީމަށް ބައިވެރި ވެވޭގޮތަށް ހަދާފައިވާ ގަވާއިދުގެ މަތިން، ފޯމް ހުށަހެޅި ފަސްޓު ޑިވިޒަންގެ އަށް ޓީމަށް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު އޮތް އިރު، 10 ޓީމް ހަމަ ކުރުމަށް ނަގާ ދެ ޓީމުގެ ތެރެއިން ފުރުސަތު ލިބޭނީ އަތޮޅު ތެރެއިން ބައިވެރިވި ތިން ޓީމުގެ ތެރެއިން ގައިވާއިދުގައި ބުނެފައިވާ ގޮތަށް އެންމެ ރަނގަޅު ދެ ޓީމަށް ކަމަށެވެ.
ޔޫތު ޗެމްޕިއަންޝިޕް ފެށުމަށް އެފްއޭއެމް އިން މިހާރު ނިންމާފައިވާ ފައިނަލް ތާރީހަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހެވެ.
މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ވިކްޓަރީ އެވެ. އެގޮތުން ވިކްޓަރީ މުބާރާތުގެ ޗެމްޕިއަންކަން އެފަރު ހޯދީ އީގަލްސް އަތުން 3-2 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.