ވ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މި މަހުގެ 14-22 އަށް ކުރިޔަށްގެންދާ "ވ. ލީގް ވޮލީބޯޅަ މުބާރާތު"ގެ ތެރެއިން ފެލިދު އާއި ކެޔޮދޫ ބައްދަލުކުރި މެޗްގައި ހަމަނުޖެހުމެއް ހިނގައި މުބާރާތް ކުރިޔަށް ގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

އެ މުބާރާތުގައި ހަމަނުޖެހުން ހިގަން ދިމާވީ މިދިޔަ ބުދަ ދުވަހުގެ ރޭ ފެލިދު އާއި ކެޔޮދޫގެ ފިރިހެން ޓީމު ކުޅުނު މެޗްގެ ފަސް ވަނަ ސެޓްގައި ކެޔޮދޫ 12 ޕޮއިންޓްގައި އަދި ފެލިދޫ 12 ޕޮއިންޓުގައި ވަނިކޮށް، ފެލިދޫގެ ކުޅުންތެރިއަކު ނެޓުގައި ޖެހުމުގެ ސަބަބުން، މެޗުގެ ނަތީޖާ ކެޔޮދޫ 13 އަށް އަދި ފެލިދު އަށް 12 ބަދަލު ކުރި ހިސާބުން، ކުޅުންތެރިއަކު ނެޓަށް ދަމައިގަނެ، ހަމަނުޖެހުން ހިންގުމުން ރެފްރީ ރީދޫ ކާޑެއް ދެއްކުމުންނެވެ.

ކެޔޮދޫގައި ކުރިޔަށްދާ މި މުބާރާތުގައި މި މައްސަލައަށް ހައްލެއް ނުގެނެވި ކެޔޮދޫ އާ އެކު ތިނަދޫ ފައިނަލްގައި ކުޅުމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ފުލިދޫ ކައުންސިލަރު ރައީސް ބުޝްރީ މޫސާ ވަނީ ސަން އަށް ކިޔައިދީފަ އެވެ.

"މިހާރު ތިން ބައްދަލުވުން ބާއްވައިގެން ވެސް ހައްލަކަށް ނާދެެވުނު. އިއްޔެ ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ފެލިދޫ ދާއިރާގެ އަތޮޅު ކައުންސިލްގެ ފުލިދޫ އަބްދުއްރަޝީދުގެ ގައިކޮޅުގައި ކެޔޮދޫގެ ބަޔަކު ވަނީ ތަޅައިގެންފައި. އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި މެޗު ކޮމިޓީން ތިން ރަށް ފެންނަ ހިސާބު ކަނޑުމަތީގައި ވެސް ދެ ގަޑިއެއްހާ އިރު އަތޮޅު ކައުންސިލްގެ "ފުށިފަރު" ދޯނި ގައި ބައްދަލުވުމެއް ބޭއްވި. އެ ބައްދަލުވުމަށް ފަހު އިއްޔެ ކުޅެން އުޅުނު ފައިންލްމެޗް ކެންސަލް ކުރީ. މިމައްސަލަ މިހެން އޮއްވައި އިއްޔެ ފުލުހުން ވަނީ ފެލިދުއަށް އައިސްފައި." ބުޝްރީ ވިދާޅުވި އެވެ.

ނަމަވެސް އަތޮޅު ކައުންސިލްގެ މެންބަރު މުހައްމަދު އަޝްރަފު ވަނީ އަބްދުއްްރަޝޫދުގައި ތަޅައިގަން ވާހަކަ ދޮގު ކުރައްވައިފަ އެވެ.

މިއީ ވ. އަތޮޅަށް ހުޅުވާލައިގެން މިމުބާރާތް އެ އަތޮޅު ކެޔޮދޫގައި ބާއްވާ ދެ ވަނަ ފަހަރެވެ. ވ. އަތޮޅަކީ އެއް އަތޮޅެއްގައި ރާއްޖޭގެ އެންމެ މަޝްހޫރު ގިނަ ވޮލީކުޅުންތެރިންތަކެއް ތިބޭ އަތޮޅަކަށްވީ އިރު، ކެޔޮދޫ ޓީމްގައި ގައުމީ ވޮލީ ކުޅުންތެރިޔާ ލޯންގޭ ހިމެނެ އެވެ. އަދި ތިނަދޫ ޓީމްގައި ބަޓިސްއާއި އައްކަޅޭގެ އިތުރުން ނިޒާރު ހިމެނެ އެވެ.