މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު އަންހެނުންގެ ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ލ. ގަމު ތުނޑީ އަވަށުގެ ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ލ. ސްޓާ) ތިނެއް ސުމަކުން ބަލިކޮށް ސަން ހޮޓެލްސް އެންޑް ރިޒޯޓްސް (ސަން ޓީމު) މެޗު ކާމިޔާބުކޮށް ސެމީފައިނަލުން ޖާގައެއް ކަށަވަރު ކޮށްފި އެވެ.

ސަންޓީމަށް މިއަދުގެ މެޗުގައި ކުރިހޯދައި ދިނީ ފުރަތަމަ ހާފުގެ ދެ ވަނަ މިނިޓުގައި އެޓީމުގެ އައިޝަތު މާހިން (ކޮކީ) ކާމިޔާބު ކޮށްދިން ލަނޑުން ނެވެ. ދެޓީމު ދާދި ހަމަހަމަ ކުޅުމެއް ދެއްކި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެކެއް ސުމަކުން ސަންޓީމު ކުރީގައި އޮވެގެން ނެވެ.

މެޗުގެ ދެވަނަ ހާފުކުޅުން ފެށިގެން މާގިނަ އިރެއް ނުވެ ސަންޓީމުގެ ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ އާމިނަތު ޒާހިޔާ (ޒެޑޭ) އެވެ. އަދި ފަހުހާފުގެ އިތުރުވަގުތުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ފާތިމަތު އަޒްފާ (ގޮއްޔެ) އެވެ.

މިއަދުގެ މެޗުގެ ކުއީން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަންޓީމުގެ ފާތިމަތު އަޒްފާ (ގޮއްޔެ) އެވެ.

މި މެޗުން މޮޅުވުމުން ސަންޓީމަށް ވަނީ ހަ ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނަ ލިބި ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ވެފައެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ސެމީގެ ފުރަތަމަ ޖާގަ ހޯދާފައިވާ ދިވެހި ސިފައިން (އެމްއެންޑީއެފް)ގެ ޓީމާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ (އެމްބީސީ) ޓީމެވެ. މެޗު ފަށާނީ ހަވީރު 4:25ގަ އެވެ.

ލީގު އުސޫލުން އެއްބުރު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓު ހޯދާ ހަތަރު ޓީމަށެވެ. އެ ގޮތުން މުބާރާތުގައި މިހާތަނަށް ހަމެޗު ކުޅެވުނު އިރު ތާވަލުގެ އެއްވަނައިގާ 6 ޕޮއިންޓު ފައިދާ ނުވަ ގޯލާއެކު އޮތީ ސަން ޓީމެވެ. އަދި 6 ޕޮއިންޓު ފައިދާ ދެގޯލާ އެކު ތާވަލުގެ ދެވަނަ ލިބެނީ އެމްއެންޑީއެފް އަށެވެ. ހަތަރު ޕޮއިންޓާ އެކު ތާވަލުގެ ތިންވަނަ ލ. ސްޓާއަށް ލިބިފައިވާ އިރު ތާވަލުގެ ހަތަރު ވަނައިގާ އެއް ޕޮއިންޓާ އެކު އޮތީ އިސްކަންދަރު ޓީމެވެ. ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ އެމްބީސީ އޮތީ ތާވަލުގެ އެންމެ ފުލުގަ އެވެ.