26 Sep 2010, 10:14
15:16
ޑީއާރުޕީން އެމްއެންބީސީ ބޮއިކޮޓްކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ނިންމުމާމެދު އަލުން ވިސްނުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި އެވެ.
މީޑިއާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ ޑީއާރުޕީން އެމްއެންބީސީގެ ޗެނަލްތައް ބޮއިކޮޓްކުރުމުގެ އިތުރުން، ޑީއާރުޕީގެ ހަރަކާތްތައް ކަވަރުކުރުމަށް އެމްއެންބީސީގެ ނޫސްވެރިންނަށް ފުރުސަތު ބަންދުކުރުމަކީ އެ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ޑީއާރުޕީގެ ކައުންސިލުން ނިންމާފައިވާ އެ ނިންމުމާމެދު ދެ ވަނަ ވިސްނުމެއް ވިސްނައި އެކަމަށް އިސްލާހީ ބަދަލެއް ގެނައުމަށް ވެސް މީޑިއާ ކައުންސިލްގެ ބަޔާނުގައި ވަނީ އެދިފަ އެވެ.
ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމާއި ރައްޔިތުންނަށް ކަންކަން އެނގުމަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަށް އުނިކަމެއް ނާންނާނެ ފަދަ އުސޫލަކުން ޚަބަރާއި މަޢުލޫމާތު ފެތުރުމަކީ އެމްއެންބީސީގެ މައްޗަށް އޮތް ގާނޫނީ އަދި ޕްރޮފެޝަނަލް ވާޖިބެއް ކަމަށް ކައުންސިލުން ދެކޭ ކަމަށާއި އަދި އެ ބޮޑު ޒިންމާ އަށް އިހްމާލު ނުވުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.