ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖެއިން ބޭރަށް ފުރައިވަޑައިނުގެންނެވުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުމާލޭ ކޯޓުން ނެރެފައިވާ އަމުރަކުން ނަޝީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށާއި ނަމަވެސް މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭއިން ބޭރަށް ފުރުމުގެ ހުއްދަދެއްވައި އިތުރު އަމުރެއް ހުޅުމާލޭ ކޯޓުން ނެރެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނަނީ ނަޝީދު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަދެއްވައި ނެރުނު ކޯޓު އަމުރު މިމަހުގެ 19 ވަނަ ދުވަހު ލިބުމުން ސިސްޓަމަށް އެންޓާކުރެވިފައި ވީނަމަވެސް މިއަދު ހެނދުނު ނަޝީދަށް ފުރައިވަޑައިނުގެންނެވުނީ އެ ޑިޕާޓްމަންޓްގެ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި މިހާރު އެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި މިއަދުގެ އެރައިވަލް އަދި ޑިޕާޗާގައި ދަތިތަކާ ދިމާވި ހުރިހާ ފަރާތްތަކެއްގެ ކިބައިން މާފަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"... 21 ޑިސެމްބަރު 2012 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަލްފާޟިލް މުހައްމަދު ނަޝީދަށް ފުރައިވަޑައި ނުގެންނެވުނީ މި ޑިޕާޓްމަންޓްގެ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. މި މައްސަލަ މިހާރު ވަނީ ހޯދާ ދާދިދެންމެއަކު ހައްލު ކުރެވިފަ އެވެ. ވީމާ، 21 ޑިސެމްބަރު 2012 ވަނަ ދުވަހު އަލްފާޟިލް މުހައްމަދު ނަޝީދު ރާއްޖެއިން ފުރާވަޑައިގަތުމުގައި ދިމާވި މައްސަލާގައި، މިދުވަހުގެ އެރައިވަލް އަދި ޑިޕާޗާ ގައި ދަތިތަކާއި ދިމާވި ހުރިހާ ބޭފުޅުންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ،" އިމިގްރޭޝަންގެ ބަޔާނުގައި ވެއެވެ.

ރައީސް ނަޝީދު މިއަދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވީ އެމަނިކުފާނުގެ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް އެމްޑީޕީން މިއަދު ވަނީ ބުނެފަ އެވެ. އަދި އެމަނިކުފާނު ފުރާވަޑައިގަންނަވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ޔާގޫތުގޭގައި ނަޝީދާއި ބައްދަލުކުރައްވާފަ އެވެ.