ކާބުލް (ޑިސެމްބަރ 21): އަފްޣާން ހަނގުރާމައިގާ އިނގިރޭސިވިލާތުން ފައިސާއިންނާއި ފުރާނައިން ބޮޑުއަގެއް ދައްކާފައިވާ ކަމަށް އިނގިރޭސިބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވެއްޖެ އެވެ.

އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އިނގިރޭސި ސިފައިންނާ ބައްދަލުކުރެއްވުމަށް އެޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ވާހަކަ ދައްކަވަމުން ކެމެރޮން ވިދާޅުވީ އަފްޣާން ހަނގުރާމައިގާ ފައިސާއިންނާއި ފުރާނައިން ބޮޑުއަގެއް ދައްކަން އިނގިރޭސިވިލާތަށް ޖެހުނު ނަމަވެސް 2001 ވަނަ އަހަރު އިނގިރޭސި ސިފައިން އެޤައުމަށް އެރި އިރު އޮތް ޙާލަތަށް ވުރެ ރަނގަނޅު ޙާލަތަކަށް އަފްޣާނިސްތާން ގެނައުމުމުގައި އިނގިރޭސި ސިފައިން ބޮޑު ކާމިޔާބެއް ހޯދާފައިވާ ކަމުގައެވެ.
މިއާއެކު ވެސް ގޮންޖެހުންތަކުން އަދިވެސް ސަލާމަތްނުވާ ކަމަށާއި އިނގިރޭސި ސިފައިން އަފްޣާނިސްތާނަށް އެރުމުގެ ކުރިން އެޤައުމަކީ "ޓެރަރިޒަމް"ގެ ހާއްޔެއް ކަމަށް ކެމެރޮން ސިފަކުރެއްވި އެވެ. ކެމެރޮން އަފްޣާނިސްތާނަށް ވަޑައިގެން އުޅުއްވަނީ ނަސާރާއިންގެ ކްރިސްމަސް މުނާސަބަތުގައި އިނގިރޭސި ސިފައިންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލެއްވުމަށް ކަމަށް ޚަބަރު ލިބެ އެވެ.
ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިނގިރޭސި ސިފައިން އަފްޣާނިސްތާނުގައި ހިންގި ޢަސްކަރީ ޙަރަކާތްތަކުގައި 400 އަށްވުރެ ގިނަ އިނގިރޭސި ސިފައިން މަރުވެ އެތައް ހާސް ސިފައިންނެެއް ޒަޚަމްވެފައިވާ އިރު އެތައް ބިލިޔަން ޑޮލަރެއްގެ ޚަރަދު ވެސް އިނގިރޭސި ސަރުކާރުން އަފްޣާން ހަނގުރާމައަށް ވަނީ ކޮށްފަ އެވެ.

މީގެއިތުރުން އިނގިރޭސި ސިފައިންގެ ޙަމަލާތަކުގައި އަފްޣާނިސްތާނުގެ އިދިކޮޅު ތާލިބާނުންނާއި އަފްޣާން ޢާންމުންގެ އެތައް ހާސްބަޔަކު ވެސް ވަނީ މަރާލެވިފައިވާ އިރު އަފްޣާން އާންމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާއި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތު ވެސް އިނގިރޭސި ސިފައިންގެ ބައެއްމީހުންގެ މައްޗަށް ވަނީ ކުރެވިފަ އެވެ.

ކެމެރޮން އަފްޣާނިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިނގިރޭސި ސިފައިންނާ އެކު ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން އެމީހުންނާ އެކު ޓީޓީ ކުޅުއްވައި މަޖަލާއި އުފަލުގެ ވަގުތު ތަކެއް ވެސްވަނީ ހޭދަކުރައްވާފަ އެވެ. ކެރޮންވަނީ 2014 ވަނަ އަހަރު އިނގިރޭސި ސިފައިން އަފްޣާނިސްތާނުން ބާލާނެ ކަމަށާއި ނަމަވެސް އަފްޣާން ސިފައިން ތަމްރީން ކުރުމަށް ޓަކައި މަދު ޢަދަދެއްގެ ސިފައިން އެގައުމުގައި ބައިތިއްބާނެކަން ކެމެެރޮން ވަނީ ހާމަކުރައްވާފަ އެވެ. (ބީ.ބީ.ސީ)