21 Dec 2012, 14:29
ކުއާލަލަންޕޫރު (ޑިސެމްބަރ 21): އިސްރާއީލުން ޣައްޒާގެ ރައްޔިތުން މަރައި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިމޭންކަމާ އެކު ހިންގަމުންގެންދާ ކަމަށް މެލޭޝިޔާ އިން ތުހުމަތުކޮށްފި އެވެ.
ޣައްޒާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އެނބުރި ކުއާލަލަންޕޫރަށް ވަޑައިގެން ދެއްވި ބަޔާނެއްގައި މެލޭޝިޔާގެ ސިނާއަތާއި ވިޔަފާރިއާ ބެހޭ ވަޒީރުގެ ނައިބު މުޚްޒީޒް މަހާތީރު މުޙައްމަދު ވިދާޅުވީ އިސްރާއީލުން ޣައްޒާގެ ރައްޔިތުން މަރައި ފަލަސްތީނުގެ ނަސްލު ނައްތާލަމުން ގެންދަނީ ހަމައެކަނި ބޮމާއި ބަޑިފަދަ ބަރުހަތިޔާރުން ނޫންކަމަށާއި ޣައްޒާގެ އެތަންމިތަނަށް ވިހަލައި ހިމޭންގޮތުގައި ވެސް އިސްރާއީލުން ޣައްޒާގެ ރައްޔިތުން މަރަމުންގެންދާ ކަމުގަ އެވެ.
މުޚްޒީޒް މަހާތީރު މުޙައްމަދަކީ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު އަދި މެލޭޝިޔާގެ ޒަމާނީ ތަރައްގީގެ ބާނީ ޑރ. މަހާތީރު ބިން މުޙައްމަދުގެ ފިރިހެން ދަރިކަލެކެވެ. މުޚްޒީޒް ވިދާޅުވީ އިސްރާއީލުން ގެންދަނީ ޣައްޒާގެ އެތަންމިތަނަށާ ޚާއްސަކޮށް ޣައްޒާގެ ކަނޑުގެ އައްސޭރި ފަށަށް އެކިބާވަތުގެ ނުރައްކާތެރި ކެމިކަލް ވިހަތައް އަޅަމުން ކަމަށާއި މިކަމުގެ ސަަބަބުން ޣައްޒާގެ ރައްޔިތުންނަށް ގޮތްނޭނގޭ އެތައް ބައްޔެއް ޖެހެމުންދާ ކަމުގަ އެވެ. އަދި އިސްރާއީލުގެ ރަށްތަކުގައި އުފެދޭ ސެނިޓޭޝަން މެޓީރިއަލް (ނަޖިހާއި ނަރުދަމާގެ މާއްދާތައް) ވެސް ޣައްޒާގެ ކަނޑުގެ އައްސޭރިފަށަށް ދާގޮތަށް އިސްރާއީލުން ނަރުދަމާގެ ހޮޅިތައް ގަސްދުގައި އަޅާފައިވާ ކަމަށާ މިކަމުގެ ސަބަބުން ޣައްޒާގެ ކަނޑުގެ އައްސޭރިފަށް ތަޣައްޔަރުވެ ޕޮލިއުޓް ވެފައިވާ ކަމަށް ވެސްް މުޚްޒީޒް ވިދާޅުވި އެެވެ.
އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރުގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގެ ރައްޔިތުން ގެ ދިރިއުޅުމުގެ ބޮޑުބައެއް ކަނޑުމަހުގެ މައްޗަށް ބިނާވެފައިވާއިރު ޣައްޒާގެ ކަނޑުގެ އައްސޭރިފަށް ގަސްދުގައި ވިހައިން ތަޣައްޔާރުކުރުމަކީ އިސްރާއީލުން ޣައްޒާގެ ރައްޔިތުން ހިމޭންކަމާއެކު މަރަމުން ގެންދާކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުން ދޭތެރެއަކުން ޣައްޒާއާ ހަނގުރާމަކޮށް ބައިނަލްއަޤްވާމީ ގޮތުން މަނާކޮށްފައިވާ ވައިޓް ފޮސްފެރަސް ފަދަ ވިހަ ހަތިޔާރު ވެސް ޣައްޒާގެ އާންމުންނާ ދެކޮޅަށް ބޭނުންކުރަމުން ގެންދެ އެވެ. އިސްރާއީލުގެ މިފަދަ ޢުދުވާނީ ޙަމަލާތަކުން ޣައްޒާގެ ހޮސްޕިޓަލްތަކަށާއި ސްކޫލްތަކާއި އާންމުންގެ ގެދޮރު ވެސް ސަލާމަތެއްނުވެއެވެ. މީގެއިތުރުން އިސްރާއީލުން ޣައްޒާ ޙިސާރުކޮށް ކާބޯތަކެއްޗާއި ބޭސްފަދަ އިންސާނީ ވަސީލަތްތަކުން ވެސް ޣައްޒާގެ ރައްޔިތުން މަޙްރޫމް ކުރުމަށް އިސްރާއީލުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މުޚްޒީޒު މެލޭޝިޔާގެ ރައްޔިތުންނަށާއި ގޮވާލެއްވީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމުގައި އަތުކުރިއޮޅާލުމަށެވެ. ޚާއްސަކޮށް ސިއްޙީ ދާއިރާއިން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ޓަކައި މަޝްރޫޢުތަކެއް ހިންގުމަށް މެލޭޝިޔާ ސަރުކާރަށް އޭނާ ގޮވާލެއްވި އެވެ.
މުޚްޒީޒު މިދިޔަ ހަފްތާގައި ޣައްޒާއަށް ވަޑައިގެންނެވީ މެލޭޝިޔާގެ މަސްއޫލުވެރިންގެ ވަރަށްބޮޑު ވަފްދަކާއެކުގަ އެވެ. މިވަފްދުން ވަނީ ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއަށް ފައިސާގެ އެހީގެ އިތުުން ޒަމާނީ މެޑިކަލް އިކްވިޕްމަންޓާއި ބޭހުގެ ބޮޑު ޝިޕްމަންޓެއް ހަދިޔާކޮށްފަ އެވެ. މުޚްޒީޒުގެ ބައްޕަ މެލޭޝިޔާގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދުވަނީ އިސްރާއީލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އިންސާނިއްޔަތާ ޚިލާފު އަނޔާވެރިޢަމަލުތަކުގެ ފަހަތުގައިވާ އިސްރާއީލުގެ ހަރުކަށި މަސްއޫލުވެރިން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޙާޒިރުކޮށް ޝަރީޢަތް ހިންގުމަށް ވެސް މަހާތީރު ވަނީ ތަކުރާރުކޮށް ގޮވާލައްވާފަ އެވެ. (އަލްޖަޒީރާ)