ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ އިން ބޭރަށް ފުރަވަޑައިގަންނަވަން އުޅުއްވަނިކޮށް އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައި ވާތީ ފުރާވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.

ސަން އޮންލައިނަށް ދެއްވި އިންޓަވިއު އެއްގައި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސާ އައިމިނަތު ޝައުނާ ވިދާޅުވީ ނަޝީދުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތްކަން އެނގިވަޑައިގަތީ މިއަދު ހެނދުނު އަމިއްލަ ދަތުރުފުޅެއްގައި ބެންކޮކަށް ފުރާވަޑައިގަންނަވަން އެއާޕޯޓަށް ވަޑައިގަތުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ އިން ބޭރަށް ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނުގެ ބާއްޕާފުޅު ބަލިވެ އުޅުއްވާތީ އާއިލާގެ ބޭފުޅުންނާ އެކު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އަދި ވިދާޅުވީ މިއަދު ރައީސް ނަޝީދު ފުރައިވަޑައިގަތުމަށް ޓަކައި އެއާޕޯޓަށް ވަޑައިގަތީ ފުރިހަމަ ކުރަން ޖެޙޭ ހުރިހައި ކަމެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށާއި ކްލިއާ ކުރަން ޖެހޭ ހުރިހައި ކަމެއް ކްލިއާ ކުރުމަށް ފަހުގައި ކަމަށް ޝައުނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕާސްޕޯޓް ދޫކުރިހާ އަވަހަކަށް ރައީސް ނަޝީދު ފުރާވަޑައިގަންނަވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ 18 ޑިސެމްބަރު 2012 ވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ސިޓީން ރައީސް މުޙައްމަދު ނަޝީދު ރާއްޖެ އިން ބޭރަށް ފުރަވަޑައިގަތުމާ މެދު އެކޯޓުގެ އިޢުތިރާޟެއް ނެތްކަމަށް ވިދާޅުވެ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓް ޙުސައިން މަޒީދު ސޮއިކުރައްވައި އެމަނިކުފާނަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަދެއްވާފައިވާ ކަމަށެވެ.

"ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިފަދައިން ޢަމަލު ކުރެއްވުމުން، އެކަމާމެދު މިއޮފީހުން ކަންބޮޑުވުން ފާޅުކުރަމެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ރައީސް މުޙައްމަދު ނަޝީދާ މެދު މިގޮތަށް ޢަމަލުކުރެއްވީ ކޮން މަޤްޞަދެއް ޙާޟިލުކުރެއްވުމަށްކަމާ މެދު ސުވާލު އުފެދެ އެވެ. އަދި، ސިޔާސީ ނުފޫޒުންނާއި ޒާތީ ތަޢައްޞުބުން އެއްކިބާވެ، ޢަދުލިވެރިކަމާ އެކު ވަކިފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުން ނުވެ އެކޯޓުގެ ޢަމަލުތައް ބެހެއްޓެވުމަށް ވެސް މިފުރުޞަތުގައި ގޮވާލަމެވެ." ނަޝީދުގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސާ އައިމިނަތު ޝައުނާ ވިދާޅުވި ވާހަކަ އަށް ސަޕޯޓް ލިބޭ ފަދަ ލިއުމެއް ހުޅުމާލޭ ކޯޓުން ދެންމެ ވަނީ ސަން ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ މި މަހު 19 އިން އަންނަ މަހު 6ގެ ނިޔަލަށް ނަޝީދު ބޭރަށް ވަޑައިގަގަތުމުގެ ހުއްދަ އެ ކޯޓުން ދީފައިވާނެ ކަމަށެވެ.

"ނަޝީދު 19ޑިސެމްބަރު މަހު 2012 އިން 6 ޖެނުއަރީ 2013 އަށް ރާއްޖެ އިން ބޭރަށް ދިޔުމަށް ޓަކާ، މި ކޯޓުގެ ހުއްދައަކަށް އެދުނު ހިނދު، ކ. މާލެ، ގ. ކެނެރީގެ މުހައްމަދު ނަޝީދު ރާއްޖެ އިން ބޭރަށް ނުދެވޭ ގޮތަށް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މައްޗަށް ކޮށްފައިވާ މި ކޯޓުގެ ނަމްބަރު ... އަމުރުގެ ދަށުން ހިފަހައްޓާފައިވާ، ރާއްޖެ އިން ބޭރަށް ދަތުރުކުރުމުގެ ހައްގު، މަތީގައިވާ ބުނެވި ދިޔަ މުއްދަތުގައި ނިމުމަކަށް ގެނެސް ކ. މާލެ ގ. ކެނެރީގެ މުހައްމަދު ނަޝީދު ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަދީ މިގޮތުގެ މަތިން އަމުރުކޮށްފީމެވެ." ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައިވެ އެވެ.

ކޯޓުން ނަޝީދު ފުރާވަޑައިގަތުމުގެ ހުއްދަ ދީފައި ވަނިކޮށް، ނަޝީދުގެ ޕާސްޕޯޓް ހިފެހެއްޓީ ކީއްވެގެންތޯ ސާފުކުރުމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑރ. މުހައްމަދު އަލީ އަށް ފޯނު ކުރި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އިމިގްރޭޝަންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ކޯޓަށް މީހުން ހާޒިރުކުރުމާ ބެހޭ ގަވާއިދު ބުނާ ގޮތުން އެ މީހެއްގެ މައްސަލައެއް ކޯޓުގައި ހިނގަމުން ދަނިކޮށް ރަށުން ބޭރަށް ވަޑައިގެންނެވޭނީ ކޯޓުގެ ހުއްދަޔާ އެކުގަ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދާ ދެކޮޅަށް އުފުލާފައިވާ ދައުވާ ހުޅުމާލޭ ކޯޓްގައި ހިނގަމުން ދަނިކޮށް މީގެ ކުރިން ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ ކޯޓުން ހުއްދަދެއްވައިގެންނެވެ.