ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކުރީގެ ރައީސް މުހައްމަދު ނަޝީދާ މިރޭ ދަންވަރު ބައްދަލު ކުރައްވައިފި އެވެ.

މިރޭ ދަންވަރު ގާތްގަނޑަކަށް 1:15 އެހާކަން ހާއިރު ރައީސް ނަޝީދު ދިރިއުޅުއްވާ ގެ މ. ޔާގޫތުގެ އިން އަބްދުﷲ ޝާހިދު ނިކުމެ ވަޑައިގެންނެވިތަން ސަންގެ ނޫސްވެރިން ނަށް ވަނީ ފެނިފަ އެވެ.

އެ ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން ސަން އަށް މިރޭ ފޯނުން ދެއްވި އިންޓަވިއު އެއްގައި ޝާހިދު ވިދާޅުވީ ރައީސް ނަޝީދާ މިރޭ ބައްދަލު ކުރެއްވީ ނަޝީދުގެ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތީ ބޭސްފަރުވާ އަށް މާދަމާ ރާއްޖެ އިން ބޭރަށް ރައީސް ނަޝީދު ފުރައިވަޑައިގަންނަވާތީ ކަމަށާއި އަދި ރައީސް ނަޝީދަކީ އެމަނިކުފާނުގެ މަދުރަސީ ދައުރުން ފެށިގެން ވެސް ވަރަށް ގާތް ރަހްމަތްތެރިއެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބައްދަލު ކުރެއްވުމުގައި މަޖިލީހާ ބެހޭ ގޮތުން ވެސް އަދި އަމިއްލަ ޕާޓީއާ ބެހޭ ގޮތުން ވެސް އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ.

"މަޖިލީހުގެ ކަމަކާ ގުޅިގެނެއް ވެސް ނޫން ބައްދަލު ކުރީ. އަޅުގަނޑުގެ އަމިއްލަ ޕާޓީގެ ކަމަކާ ގުޅިގެން ވެސް ނޫން ބައްދަލު ކުރީ. އަޅުގަނޑުމެން ދެ މީހުންނަކީ މަދުރަސީ ދައުރުއްސުރެ ދެ ރަހުމަތްތެރިން،" ޝާހިދު ވިދާޅުވި އެވެ.