ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލުގެ މައްޗަށް ވައްދާފައިވާ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް ފޮނުވަން ޖެހޭ 14 ދުވަހުގެ ނޯޓިސް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިނިސްޓަރަށް މިއަދު ފޮނުއްވައިފި އެވެ.

ޖަމީލުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން އެ މައްސަލަ މަޖިލީހަށް ވެއްދި ނަމަވެސް އެ މައްސަލަ ވެއްދި އެމްޑީޕީން ވަނީ އެ މައްސަލަ އެންމެ ފަހު ވަގުތު އަބުރާ ގެންގޮސްފަ އެވެ. އެ މައްސަލަ 17 މެންބަރަކު ސޮއިކުރައްވާ އެމްޑީޕީން އެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައިވާގޮތުން ވަޒީރެއްގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 10 މެންބަރުން ސޮއިކުރައްވާ ހުށަހެޅުއްވުމުންނެވެ.

ހޯމް މިނިސްޓަރަކަށް އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސްފޮނުވިއިރު ޑިފެންސް މިނިސްޓަރު ރިޓަޔާޑް ކާނަލް މުހަންމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސްވެސް ވަނީ އޭނާއަށް ފޮނުވައިފަ އެވެ.

ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެހުށަހެޅުމަކާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސްކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގާންވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި، ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތް ކުރުމުގެ ޙައްޤު އެ މެންބަރަކަށް ލިބިގެންވާކަމަށްވެސް ބުނެފައިވެ އެވެ.