20 Dec 2012, 22:03
ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ލިވިންއެލަވަންސްގެ ގޮތުގައި ދޭ 20،000ރ. އަކީ އަސާސީ މުސާރައިގެ ބައެއްގެ ގޮތުގައި ހަމަޖައްސާ ލިވިން އެލަވަންސް އުވާލުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ލަފާދިނުމަށް މަޖިލީހުގެ އާންމު ކޮމެޓީން މިއަދު ނިންމައިފި އެވެ.
އާންމު ކޮމެޓީގެ 38 ވަނަ ބައްދަލުވުމުގައި މެންބަރުން މަޝްވަރާކުރެއްވުމަށް ފަހު މިއަދު ނިންމެވީ ލިވިންގެ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް ލިބިދޭ 20،000ރ. އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅައި، ޖުމްލަ މުސާރަ 62500ރ. ގެ ގޮތުގައި ހަމަޖެއްސުމަށް މާލިއްޔަތު ކޮމެޓީއަށް ލަފާއެރުވުމަށެވެ. އަދި ލިވިންއެލަވަންސް ނުބޭއްވުމަށްވެސް ނިންމެވި އެވެ.
މެންބަރުންނަށް 62500ރ. ކޮންމެ މަހަކު ލިބިވަޑައިގަންނަވަނީ ލިވިންއެލަވަންސާއި ހުރިހާ އެއްޗެއް ލައިގެންނެވެ.
މިއަދު ކޮމެޓީން ނިންމި އެހެން ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 33 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށް ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ އިޞްލާހު ފާސްކުރައްވާފައިވެ އެވެ. އެ އިސްލާހުގެ ދަށުން މަޖިލީސް ރިސެސްގެ ތެރޭގައި ނުވަތަ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކުރެވިފައިވީނަމަވެސް، އެހުށަހެޅުން ހުށަހެޅޭތާ 14 ދުވަހުގެ ތެރޭގައި ދައުރުން ބޭރު ޖަލްސާތައް ބޭއްވޭނޭގޮތް ހަމަޖައްސައި އެޖަލްސާތައް ބާއްވަން ވާނެ އެވެ.
އަދި މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިން ސައްތަކަމަށްވެސް ކަނޑައެޅުއްވި އެވެ.
އެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގަތީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޟް، އަދި ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އެވެ.