އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 15.3 ބިލިއަން ރުފިޔާއަށް ކުޑަކުރަން ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމެޓީން ދާދި ދެންމެ އަކު ފާސްކޮށްފި އެވެ.

މީގެ ކުރިން ކޮމެޓީން ނިންމީ ބަޖެޓްގެ ޖުމްލަ އަދަދު 14.5 ބިލިއަން ރުފިޔާއަށް ތިރުކުރުމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ބަޖެޓް ކުޑަކުރުމާ ދެކޮޅު ހެދުމުން އެ ކޮމެޓީން ވަނީ މިރޭ އަނެއްކާވެސް ބައްދަލުކޮށްފަ އެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) ސަން އޮންލައިންއަށް ވިދާޅުވީ ސަރުކާރުގެ ހުށަހެޅުމާ އެކު ކޮމެޓީގެ މެންބަރުންވެސް ދޫދެއްވައިގެން ބަޖެޓް 15.3 ބިލިއަން ރުފިޔާއަށް ކުޑަކުރަން މެންބަރުންނަށް އެއްބަސްވެވުނު ކަމަށެވެ. އަދި އެ މަސައްކަތް ނިންމާލެވުނީ މުގައްރިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ކުރެއްވި ބުރަ މަސައްކަތުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު ހެނދުނުން ފެށިގެން މަސައްކަތްކޮށްގެން މުގައްރިރު ގާސިމްގެ ވަރަށް ބުރަ މަސައްކަތުން ބަޖެޓްގައި މެދު މިނުގެ އެއްބަސްވުމަކަށް އެންމެ ފަހުން މި އާދެވުނީ،" ނަޝީދު ވިދާޅުވި އެވެ.

ބަޖެޓް ކުޑަކުރަން ނިންމުމާ އެކު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ރޭ ވިދާޅުވެފައިވަނީ ބަޖެޓް ކުޑަކުރާނަމަ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުއްޓޭނޭ ކަމަށާއި ތައުލީމާއި ސިއްހީ ދާއިރާ ބޮޑު އަދަވަޅަކަށް ވެއްޓިދާނެ ކަމަށެވެ. ނަމަވެސް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލްވެސް ލަފާއަރުއްވާފައިވަނީ ބަޖެޓް 14 ބިލިއަން ރުފިޔާއަށް ފެއްތުމަށެވެ.

ސަރުކާރުން ހުށަހެޅި އަދަދަށް ވުރެ އެއްބިލިއަން ރުފިޔާ ކުޑަކުރަން ބަޖެޓް ކޮމެޓީއަށް އެއްބަސްވެވުނީ ސަރުކާރުން ހުށަހެޅި އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް ބަދަލުތަކެއް ގެނެސްގެން ކަމަށް އެ ކޮމެޓީގައި ތިއްބަވައި ބައެއް މެންބަރުން ސަން އޮންލައިންއަށް މިރޭ ވިދާޅުވި އެވެ.

ބަޖެޓް ކޮމެޓީގެ ބަހުސް މަރުހަލާގައި މެންބަރުން އެންމެ ބޮޑަށް ކަންބޮޑުވެ ވަޑައިގަތީ ބަޖެޓްގެ ރިކަރަންޓް ހަރަދު ބޮޑުވެ ބަޖެޓްގެ ބޮޑު ބައެއް އެކި ފަރާތްތަކުން ލޯނު ނަގައިގެން ހަމަޖައްސަން ޖެހުމުން ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވާ މައްސަލައިގަ އެވެ. އަދި ބަޖެޓްގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ތަކަކީ ލިބުން ވަރަށް ނާދިރު އާމްދަނީ ތަކެއްކަމަށްވެސް މެންބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ. އެގޮތުން އާމްދަނީ ހޯދުމަށް އަލަށް ހުށަހަޅާފައިވާ ކަންތައްތަކަށް ބަޖެޓް ކޮމެޓީގެ މާބޮޑު ތާއީދެއް ނުލިބުނެވެ.

އެގޮތުން އެ ކޮމެޓީން ނިންމާފައިވަނީ ބެޑް ޓެކްސް އުވާލުމަށް ފަހު ޓީޖީއެސްޓީ 12 ޕަސެންޓަށް މައްޗަށް ޖައްސާށެވެ. ނަމަވެސް ސަރުކާރުން ހުށަހެޅީ ބެޑް ޓެކްސްވެސް ދަމަހައްޓާ ޓީޖީއެސްޓީ 15 ޕަސެންޓަށް މައްޗަށް ޖައްސާށެވެ. އަދި މުއާސަލާތީ ހިދުމަތުން ޖީއެސްޓީ ނެގުމަށް ހުށަހެޅި ނަމަވެސް އެކަމަށް ތާއީދު މިހާތަނަށް ލިބިފައެއްނުވެ އެވެ.

ބަޖެޓް ކޮމެޓީގެ ނިންމުންތައް ފާސްވާނީ އެ ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި އެ ރިޕޯޓް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. ބަޖެޓް ކޮމެޓީން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު ބަޖެޓް ރިޕޯޓް މަޖިލީހުގެ ރައީސް އަށް ފޮނުވުމަށެވެ.