ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު ގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ، ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑު އުފައްދަވައި އެ ބޯޑަށް މެންބަރުން ހަމަޖައްސަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި އެ ބޯޑަށް ކަނޑައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރީ އިސް މުވައްޒަފުންގެ ތެރެއިން އެ މަޖިލީހުގެ އިދާރާގެ އަމީން ޢާންމުގެ ނައިބު ފާޠިމަތު ނިއުޝާ އާއި ސަރުކާރުގެ މަތީ ތަޢްލީމު ފޯރުކޮށްދޭ މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން މިނިސްޓަރު ކަނޑައަޅުއްވާ މެންބަރެއްގެ ގޮތުން ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ޙުސައިން ޙަލީމާއި މަތީ ތަޢްލީމު ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރެއްގެ ގޮތުން މެޕްސް ކޮލެޖުގެ ރެކްޓާ އަޙްމަދު ޢަލީ އާއި ޤައުމީ ކުތުބުޚާނާގެ އެންމެ އިސްވެރިޔާ، ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ޝިޔާމާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަސިޓީން ކަނޑައަޅުއްވާ މެންބަރެއްގެ ގޮތުން އެ ޔުނިވަސިޓީގެ ލައިބްރޭރިއަން ޢާއިޝަތު ޝަބާނާ އާއި ޝަރުޢީ ދާއިރާގެ އިދާރީ އިސް މުވައްޒަފުންގެ ތެރެއިން އުއްތަމަފަނޑިޔާރު ކަނޑައަޅުއްވާ މުވައްޒަފެއްގެ ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އޮފީހުގެ ޑެޕިޔުޓީ ޑިރެކްޓަރު ޢަބްދުﷲ ރަޝީދާއި ދައުލަތުގެ ބްރޯޑްކާސްޓްކުރުމުގެ މުއައްސަސާގެ މުވައްޒަފުންގެ ތެރެއިން އެ ދާއިރާގެ ތަޖުރިބާކާރު މުވައްޒަފެއްގެ ގޮތުން ޑިރެކްޓަރު، ރޭޑިޔޯ މުޙަންމަދު ޝާކިރު ޢަބްދުﷲ އާއި ޤައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލް މުޙަންމަދު ޝާޠިރާއި ދާއިރާގެ ތަޖުރިބާ ހުރި އަމިއްލަ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބޭފުޅެއްގެ ގޮތުން ގަލޮޅު ކޮއްކިރި ޢަބްދުﷲ ފާރޫޤް ޙަސަން އެވެ.